English Edition
Dhivehi Edition

ބޮލީވުޑްގައި އަރަމުން އަންނަ ބަތަލު ކާތިކް އާރްޔަން އަކީވެސް ފިލްމީ ގިނަ ތަރިންތަކެއް ފަދައިން ކާމިޔާބީ އާއި ހަމައަށް ވާސިލުވުމަށް ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހުނު ތަރިއެކެވެ.

2011 ވަނަ އަހަރު ‘ޕިޔާރްކާ ޕްންޗްނާމާ’ އިން ބޮލީވުޑަށް ތާރަފްވި ކާތިކްގެ އަތުގައި ނަސީބު ހިފީ 2018 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު ‘ ސޯނޫކީ ޓީޓޫކީ ސުވިޓީ’ އިންނެވެ. އޭ ފިލްމަށްފަހު ބޮލީވުޑްގައި ވިދާލި ކާތިކް މިހާރު އެންމެ ބުރަކޮށް މަސައްކަތްކުރަމުންދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ‘ޕަތީ ޕަތްނީ އޯރް ވޯ’ ކާމިޔާބު ފިލްމަކަށް ހެދުމަށެވެ.

ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދިޔަ ދުވަސްވަރު އިންޖިނިއަރަކަށްވުމަށް ކިޔަވަމުންދިޔަ ކާތިކްގެ ނަޒރު ފިލްމީ ދާއިރާއަށް ހުއްޓީ ގްރޭޑް09 ގައި ކިޔަވަން އުޅުނު ދުވަސްވަރު ބެލި ފިލްމެއްގެ ސަބަބުންނެވެ. ޝާހުރުކް ހާން  އާއި ކާޖަލްގެ މޮޅު އެކްޓިން ފެނިގެންދިޔަ ފިލްމު ‘ބާޒީގަރް’ ބެލުމަށްފަހު ފިލްމު ކުޅެން ބޭނުންވި ނަމަވެސް އޭރު އެ ވާހަކަ އޮތީ ހިތުގައި ރައްކާކޮށްފައެވެ. “އަހަރެންގެ މައިންބަފައިންނަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުން. އެމީހުން ބޭނުންވީ އަހަރެން އިންޖިނިއަރަކަށްވާން. ފިލްމު ކުޅެން ބޭނުން ވާހަކަ ބުނެފިނަމަ އެމީހުން އެކަމާއި މެދު ދެކޭނެ ގޮތެއް ނޭގޭތީ ގްރޭޑް 12 އާއި ހަމައަށް ކިޔެވުމަށްފަހު މުމްބައި އަށް ބަދަލުވީ” ކާތިކްގެ ބޮލީވުޑްގެ ދަތުރު ފެށުނު ގޮތާއި ބެހޭ ގޮތުން އޭނާ ބުންޏެވެ.

ފިލްމު ކުޅެން ފުރުސަތު ހޯދުން އުދަގޫކަމެއް  ކަމުގައި ފާހަގަކުރަމުން ކާތިކް ބުނީ އޭނާއަށް ފުރަތަމަ ލިބުނު ތިން ފިލްމު ވެސް އެހާ ކާމިޔާބު ނުވިނަމަވެސް ޑިގްރީއަށް ކިޔަވަމުންވެސް އޭނާއަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އޭނާ ހިފީ ކޮންމެވެސް ދުވަހަކުން ކާމިޔާބުވާނެ ކަމުގެ އުއްމީދުގައެވެ. ‘ސޯނޫކީ ޓީ ޓޫކީ ސުވިޓީ ކުޅެން ފެށި ހިސާބުންވެސް އެގިއްޖެ މިއީ ތަފާތު ފިލްމެއްކަން”ކާތިކް ބުންޏެވެ.

ކާތިކްގެ ކާމިޔާބީ އާއި އެކު އޭނާ ވަނީ ފިލްމު ކުޅޭ އަގަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. މި ގޮތުން  ފިލްމު ކުޅެން ފެށިއިރު  35 ލައްކަ އިންޑިއާ ރުޕީސް އަށް ފިލްމު ކުޅެދިން ނަމަވެސް މިހާރު އޭނާ ވަނީ ފިލްމު ކުޅެދޭ އަގު ހަތް ކުރޯޑަށް ބޮޑުކޮށްފައެވެ. އެއީ 973،067.020 ޑޮލަރެވެ.