English Edition
Dhivehi Edition

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން ތިބާގެ ހަށިގަޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެކި މަރުޙަލާތަކުގައި އަންނަން ފަށައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން މުޅިންހުއްޓާލުމުގެ މާނައަކީ،ދުންފަތަށް ދެވި ހިފާފައިވާ (އެޑިކްޓް) މީހަކު އެކަމުން ދުރުވެގަތުމެވެ. އަދި މިކަމަކީ،ތިމާގެ ސިކުނޑީގެ ނާރުތައް އަލުން ގުޅުވައި ވައިރިން ކުރުން ފަދަ ކަމެކެވެ.

ދުންފަތުން ދުރުވުމުން ތިބާގެ ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކަށް މި ލިއުމުގައި އަލި އަޅުވާލާނަމަވެ. ސިގިރޭޓް ނުބޮއި ހުއްޓާލާތާ 20 މިނިޓް ތެރޭގައި ހިތުގެ ހިނގުން ދަށްވުމަށްފަހު އާއްމު ޙާލަތަށް އެޅޭނެއެވެ.ލޭގެ ޕްރެޝަރ ދަށްވުމަށްފަހު ހަމަޔަކަށް އެޅޭނެއެވެ. 12 ގަޑި އިރުތެރޭ ހަށިގަނޑުގެ އެތެރޭގައި ގިނަވެފައި ހުންނަ ކާރބަން މޮނޮކްސައިޑް ބޭރު ކުރަން ފަށާނެއެވެ. އޮކްސިޖަން ހުންނަންވާ ވަރަށް ހަމަކަށް އެޅުމުން ކާރބަން މޮނޮކްސައިޑް ވެސް ހަމަޔަކަށް އެޅިގެން ދާނެކަމަށް ކަމާއި ބެހޭ ފަރާތް ތަކުން  ހާމަކުރެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ނުކުރާތާ 24 ގަޑިއިރަށް ފަހު ހާރޓްއެޓޭކް ޖެހުމުގެ މިންވަރު ކުރިއަށް ވުރެ ކުޑަވެގެންދާނެއެވެ. ދެ ދުވަސްތެރޭގައި ވަސްބެލުމާއި ރަހަބެލުމުގެ އިޙްޞާސް ރަނގަޅުވެގެން ދާނެއެވެ. ތިން ދުވަސް ތެރޭގައި ހަށިގަނޑުގައި ހުރި ދުމުގެ ވިހައިގެ އަސަރު މަދުވެގެން ދާނެއެވެ. އަދި އެއްމަސް ދުވަސް ތެރޭގައި ފުއްޕާމޭ މަސައްކަތް ކުރާ މިންވަރު އިތުރު ވެގެންދާނެއެވެ. ފުއްޕާމޭގައި ހުންނަ ކުދި އިސްތަށިތައް(ސިލިއާ) އަލުން ދިރި ހިތުގެ ހޮޅިތައް ބެދުމުގެ ފުރުޞަތު ކުޑަވެގެން ދާނެއެވެ. ލޭހޮޅިއާއި ނާރުތައް ހަމަޔަކަށް އެޅުމަށް ގާތްގަޑަކަށް ފަސްއަހަރު ނަގާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމުން  ތިމާގެ ހަށިގަނޑު ހަމަޔަކަށް އެޅުމަށް ގިނަ ދުވަސްތަކެއް ނެގިނަމަވެސް އަމިއްލައަށް ހަމަޔަކަށް އެޅިގެން ދާނެއެވެ.

ސައުވީސް ގަޑި އިރުތެރޭގައި މީހަކު ސިނގިރޭޓް ބޯހިތްވާން ފަށާނީ ދުވަހަކު ތިންފަހަރު ކަމަށާއި،އޭގެ އަސަރު ހުންނާނީ  ގިނަވެގެން ތިންމިނެޓަށް ކަމަށްވެއެވެ..މިވަގުތު ކޮޅު ދުންފަތުގެ އިސްތިޢުމާލު ނުކޮށް މަޑުކޮށް ލެވިއްޖެނަމަ،މަޑުމަޑުން  ދުންފަތުގެ އިސްތިޢުމާލު ކުރާ ހިތްވުން ފިލައިދާން ފަށާނެއެވެ. އަދި މި ވަޤުތު ކޮޅު ތެރޭގައި ގިނައިން ފެން ބުއިމާއި،ފުންކޮށް ނޭވާ ލުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން  މަޑުކޮށްލުމާއި، ފަސޭހައިން ކޮށްލެވޭ އެހެން  ކޮއްމެވެސް ކަމެއްގައި މަޝްޢޫލު ވެލުމަކީ މިކަމުން  ދުރުވުމަށް  ކުރެވިދާނެ ކަންތައްތަކެވެ.

ދުންފަތަކީ ގައިންގަޔަށް ނާރާ ގިނަ ބަލިތަކުގެ އަސްލުކަމަށް ވާއިރު ކިތައްމެ އުނދަގުލުން ނަމަވެސް ދުންފަތާއި ދުރުވުމަށް މަސައްކަތް ކޮށް މިކަމުން ސަލަމާތްވާން އެބަޖެހެއެވެ. އޭރުން ޞިއްޙީގޮތުންނާއި އިޖްތިމާޢީ ގޮތުން ތިބާއަށް ގިނަގުނަ ފައިދާތައް ކުރާނެ ކަންކަށަވަރެވެ. ތިބާގެ އަމިއްލަ ޞިއްޙަތާއި ޢާއިލާގެ ޞިއްޙަތަށްޓަކައިވެސް މިކަމުން  ދުރުވާން  މަސައްކަތް ކުރަން އެބަ ޖެހެއެވެ.

މިއާރޓިކަލަށް މަޢުލޫމާތު ނަގާފައިވަނީ https://demic.app ންނާއި ހެލްތްޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓުންނެވެ.