English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެންމެ މަތީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އުފެއްދުންތެރި ޕްރޮޑަކްޓުތަކާއި ރަނގަޅު ކަސްޓަމަރ ސަރވިސްގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ އަހަރު މާލޭގައި އިތުރު ސަރވިސް ސެންޓަރުތަކެއް ހުޅުވުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މުޅިން އާ އެކައުންޓް އޯޕެނިންގ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ އާ ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިންގ ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި މަޖީދީ މަގުގައި އާ ޑިޖިޓަލް ބްރާންޗެއްވެސް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ބީއެމްއެލް އިން ބުނީ  އެ ބްރަންޗުން އުފެއްދުންތެރި، އެންމެ ޒަމާނީ ފެންވަރުގެ ޑިޖިޓަލް ބޭންކިންގގެ ތަޖުރިބާ ކަސްޓަމަރުންނަށް ކުރެވިގެންދާނެ ކަމަށެވެ.

މި ބަދަލުތަކާއެކު، މިހާރު ޚިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗް 02 ފެބްރުއަރީ 2020 އިން ފެށިގެން ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ޚިދުމަތްތަކަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، އާ އެކައުންޓް އޯޕެނިންގ ސެންޓަރާއި ލޯން ސެންޓަރު ހުޅުވުމާއެކު ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ޑިޖިޓަލް ބްރާންޗެއް ތަޢާރަފްކުރުމުގެ ޕްލޭނާއެކު، ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ އަލަށް ހުޅުވާ އެކައުންޓް އޯޕެނިންގ ސެންޓަރާއި ލޯން ސެންޓަރުގެ އިތުރުން މިހާރުވެސް ޚިދުމަތް ދެމުން އަންނަ ކަސްޓަމަރ ސަރވިސް ސެންޓަރާއި ބިޒްނަސް ސެންޓަރުން ފައިސާގެ މުއާމަލާތްތައް ނޫން އެހެން ހުރިހާ ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

އަދި މާލޭގައި ފައިސާ ޖަމާކުރުމާއި ނެގުންފަދަ ފައިސާއާއި ގުޅޭ ޚިދުމަތްތައް ދޭނީ ބޭންކުގެ މައި ބްރާންޗުން ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމާއި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.