English Edition
Dhivehi Edition

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޤާއިމުކުރި އެއާޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ވީއައިއޭގައި މިއަދު ބޭއްވި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ވަނީ، އެމްއޭސީއެލް އިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރުއަދާ ކުރައްވައިފަ އެވެ. އަދި ކޮންމެ ދުވަހަކުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ބަޔަކު ޒިޔާރަތްކުރާ ތަނަކަށް އެއާޕޯޓު ވެފައިވާއިރު، ޕޮލިސް ޕޯސްޓެއް ޤާއިމުކުރެވިގެން ދިއުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމަކާއި ފަސޭހައެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، އެއާޕޯޓަކީ ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންނާއި އެމްއޭސީއެލް އަދި އެހެނިހެން މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ދެއްކެވި ވާހަކަ ފުޅުގައި، އެމްއޭސީއެލްގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ފަރާތް ގުޅިގެން އަބަދުވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން އެއްގަމު އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ޕާކިންޒޯނުގައި ބިލްބޯޑުބެހެއްޓުންވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހު ކޮށްފައެވެ. އެއްގަމު އުޅަނދަށް ރައްކާތެރިވުމާ ގުޅޭ މެސެޖުތައް އެ ބިލްބޯޑުގައި ލިޔެފައިވެއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، އެއާޕޯޓު ޕޮލިސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.