English Edition
Dhivehi Edition

ޕޯސްޓްގެ ޒަރީއާއިން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓް މެދުވެރިކޮށް ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެތަކެތި އަތުލައިގެންފައި ވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި 24 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ނެދަރލެންޑްސް އިން އެތެރެކުރި 04 ގްރާމް (11 ގުޅަ) އެމް.ޑީ.އެމް.އޭ (އެކްސްޓެސީ) އާއި ގްރޭޓް ބްރިޓަން އިން އެތެރެކުރަން މަސައްކަތްކުރި 04 ގްރާމް (100 ސްޓޭމްޕް) އެލް.އެސް.ޑީ އާއި 33 ގްރާމް (ކްރިސްޓަލް) އަދި 58 ގްރާމް (ކްރިސްޓަލް) އެމް.ޑީ.އެމް.އޭގެ އިތުރުން ޔޫކޭ އިން އެތެރެކުރަން މަސައްކަތް ކުރި 32 ގްރާމް (ޕައުޑަރ) އެމްފެޓަމިން ވެސް ހިމެނެއެވެ.

މިތަކެތީގެ ބަރުދަނުގައި ޖުމްލަ 131 ގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 278،000ރ. އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.