English Edition
Dhivehi Edition
ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާނު ޙުސައިން

ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާނު ޙުސައިން ފަނޑިޔާރުކަމުން އިސްތިއުފާދެއްވައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މީޑިއާ އޮފިޝަލާއި ހަވާލާދީ “ސަން” އިން ރިޕޯޓްކުރާ ގޮތުގައި ޢަދުނާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނު ލިބިފައިވާ ކަމަށާއި، އެ ސިޓީ މިހާރު ރައްޔިތުންގެ މަޖިލީހަށްވެސް ލިބިފައިވާ ކަމަށެވެ.

ޢަދުނާނު މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޖޭއެސްސީ އިން ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅައިފަ އެވެ. އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިންވެސް ވަނީ އެމައްސަލަ ދިރާސަކުރުމަށް ފަހު ޖޭއެސްސީ އިން ނިންމި ނިންމުން ރަނގަޅު ކަމަށް ފާސްކޮށްފަ އެވެ.

ޖޭއެސްސީ އިން ބުނީ މެޖިސްޓްރޭޓް ޢަދުނާނު ޙުސައިން، ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އޭނާ ކުރައްވާފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވޭ ކަމަށެވެ. އަދި އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަޤާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަޙުޤީޤު ކޮމިޓީ އަށް ޤަބޫލުކުރެވޭތީކަމަށް ޖޭއެސްސީ އިންވަނީ ބުނެފައެވެ.

ޖޭއެސްސީ އިން މިހެން ބުނިއިރު، ޢަދުނާނުގެ މައްޗަށް ވަނީ ފަނޑިޔާރެއްގެ މަޤާމުގައި ހުރެ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމާއި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުމަށް ސޯޝަލް މީޑިއާގައި އެދުމުގެ އިތުރުން އޭނާ މަސައްކަތް ކުރާ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތުތައް ވެސް ކުރެވިފަ އެވެ.