English Edition
Dhivehi Edition

ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރ 1 ވަނަ ދުވަހުގެ 16:45 އެހާކަންހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އަދި ބަނދަރުމަތިން އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް ފުލުހުން ވަނީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ފޭދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:45 ހާއިރު ހިންގި އޮޕަރޭޝަނުގައި ފޭދޫ މަގުމަތިން ވަނީ 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

މަގުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 75 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

އަދި ނޮވެމްބަރު 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ދެވަނަ އޮޕަރޭޝަނުގައި ވަނީ ހިތަދޫގެ ދެ ސަރަޙައްދެއް ބަލައިފާސްކޮށް ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަ ހަމާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނުތަކެއް ހޯދާފައެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

2 ކޮމެންޓް
ޝުކުރީ
ޑިސެމްބަރު 3, 2019
ކީއްވެތަ މީދޫމީހެކޭ ޖަހަން ނުކެރުނީ
ޖާބެ
ޑިސެމްބަރު 3, 2019
ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަތައް ތަހުގީގު ކުރަންފެށީ ކޮންދުވަހަކުތަ. މަހީކުރީ ތަހުގީގުކުރަނީ ފުލުހުންގެ މުއައްސަސާއިންކަމަށް. މިހެން މިއަހާލީ ތިޔަ ޚަބަރުގައި އެވާހަކަ ލިޔެފައޮތީމަ އިނގޭ