ސަޢޫދީ ރަސްގެފާނުގެ ބޭބޭފުޅު އަވަހާރަވުމުން އެމަނިކްފާނަށް ރައީސް ސޯލިހް ތަޢުޒިޔާ ވިދާޅުވެއްޖެ
3 ދުވަސް ކުރިން
ޝާން މުޙައްމަދު

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ބޭބޭފުޅު، ހިޒް ހައިނެސް ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާއި ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ސަޢޫދީ ރަސްގެފާނަށް ރައީސް ޞާލިޙް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

Advt

Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަކީ، ސަޢޫދީ ޢަރަބިއްޔާއަށް އެތައް ގޮތަކުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާއި ގުޅިގެން ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.