English Edition
Dhivehi Edition

ފޮޓޯ: މުހައްމަދު އީވާޒް ޒާހިރު

ލިއުނީ: އަހްމަދު ހިޒާމް ޙަލީލު/

ފޭދޫ ސްކޫލުގެ މިއަހަރުގެ ދިވެހި ބަހުގެ ދުވަސް އެސްކޫލުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އިއްޔެ އެސްކޫލުގައި ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.

ސްކޫލުގެ ދިވެހި ޑިޕާރޓްމެންޓުން އިސްނަންގަވައިގެން މި މުނާސަބާތް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ސްކޫލުގެ ދަރިވަރުން ގިނަގުނަ ހުށައެޅުންތައް ހުށައަޅައިދީފައިވެއެވެ. މިގޮތުން ބަންޖާއި ޅެން ހުށައަޅައިދީފައިވެއެވެ. މީގެއިތުރުން ގްރޭޑް 9 ގެ ދަރިވަރުންވަނީ “ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން” މި ޅެމުގެ މައްޗަށް ރޯލްޕްލޭއެއްވެސް ހުށައަލައިދީފައެވެ. އަދި ސްކޫލުގެ ހުރިހާ ގްރޭޑަކުން ކުދިން ހިމެނޭގޮތައް ލަވައެއްވެސް ހުށައަޅައިދީފައިވެއެވެ.

މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރެއްކަމުގައިވާ މުހައްމަދު ފަޔާޒެވެ. އެސެމްބްލީގައި ދަރިވަރުންނާއި މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ފަޔާޒު ވިދާޅުވީ ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަކަމުގެ މައި ރަމްޒެއް ކަމަށާއި އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންވީ މި ބަސް ދިރުވާ އާލާކުރުމަށް ކަމަށެވެ. އަދި ހަމައެހެންމެ ގިނަގިނައިން ދިވެހި ބަހުން ވާހަކަދެއްކުމަށާއި ލިޔުމުގައި ގިނަގިނައިން ދިވެހި ބޭނުންކުރުމަށްވެސް ފަޔާޒް އިރުޝާދުދެއްވިއެވެ.

ފޭދޫ ސްކޫލަކީ ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމަށަޓަކައި ގިނަ ހަރަކާތްތަކެއް ހިންގާ ސްކޫލެކެވެ.