English Edition
Dhivehi Edition

އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ސިލްސިލާ ގޮތެއްގައި ކޮންމެ ރެޔަކު ކުރަމުންދާ މުޒާހަރާގެތެރެއިން ރޭ ހައްޔަރުކުރި ނުވަމީހުން ދޫކޮށްލައިފިއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުންބުނީ، ރޭގެ މުޒާހަރާގައި ނުވަމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ. އޭގެތެރެއިން ފަސްމީހަކު ރޭ ދޫކޮށްލައިފައި ވާކަމަށެވެ.

އަދި މިއަދާއި ހަމައަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހަތަރު މީހުންވެސް މިހާރުވަނީ ދޫކޮށްލައިފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވި ފަސްއަހަރުދުވަހުގެ ޖަލު ހުކުމާއި ގުޅިގެން  ރޭ ކުރި  މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބަޔެއް ބައިވެރިންނަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދީފައި ވެއެވެ.

ޕްރޮގުރެސިވް ކޯލިޝަނުން ފާއިތުވެދިޔަ ރޭތަކުގައި ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފައި ވީނަމަވެސް މިރޭ އެ ކޯލިޝަނުން ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދަނީ ބައްދަލުވުމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގް ދައުވާ ސާބިތުވެ، މި ދިޔަ ބުރާސްފަތި ދުވަހު ވަނީ ފަސް އަހަރަށް ޖަލަށްލުމަށާއި، ފަސްމިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.