English Edition
Dhivehi Edition

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން އިވެންޓުގައި މިއަދު ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ރާއްޖެ ޓީމަށްވަނީ މުބާރާތް ނިމިފައެވެ.

މިއަދު ހަވީރު ނޭޕާލުގެ ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް ކަވާޑް ހޯލުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ތިން ސެޓުންނެވެ.

މިއަދުގެ މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-13، 25-18 އަދި 25-08 އިންނެވެ. ފުރަތަމަ ސެޓާއި ދެ ވަނަ ސެޓުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް ލަންކާ ޓީމަށް ޕްރެޝަރު ކުރިނަމަވެސް ފަހު ސެޓުގައި ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގައި ލަންކާއާ ވާދަކުރި މެޗުން ވެސް ބަލިވެފަ އެވެ. އެ މެޗުން ބަލިވީ 25-14، 25-06 އަދި 25-17 އިންނެވެ.

މިފަހަރުގެ ގޭމްސްގެ ސެމީ ފައިނަލަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ދަތުރުކުރީ ގްރޫޕް ބީގައި ރާއްޖެ އާއި ލަންކާއާއެކު ހިމެނުނު ޕާކިސްތާން އަންހެން ޓީމު މުބާރާތުން ވަކިވުމުންނެވެ. އެއް ވަނަ ކަނޑައަޅަން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ސެމީގައި ރާއްޖެ ވާދަކުރީ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

މި މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ދަތުރުކުރީ އިންޑިއާ އާއި ނޭޕާލް އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި އިންޑިއާއިން ވަނީ 26-24، 25-12 އަދި 25-16 އިން ނޭޕާލް ބަލިކޮށްފަ އެވެ.

ވޮލީ އިވެންޓުގެ މެޗުތައް ރާއްޖެއަށް ނިމުނު ނަމަވެސް ގޭމްސްގައި އިތުރު 10 ކުޅިވަރެއްގައި ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމަނާފައިވާއިރު ރޭ ވަނީ ގޭމްސް ރަސްމީކޮށް ފަށައިފަ އެވެ.

މިފަހަރުގެ ގޭމްސްއަށް އަންހެން ޓީމު ނުކުތީ މިމަހުގެ ކުރީކޮޅު ބަންގްލަދޭޝްގައި ނިމުނު އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައިގެން އަންހެން ވޮލީގެ ތާރީޚުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާ އެކު އެވެ.