English Edition
Dhivehi Edition
ރައީސް ސޯލިހު އާއި ރައީސް ނަޝީދު ވީއައިއޭގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ދެ ރައީސުން ވެސް ރާއްޖެ ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށްވާއިރު، ދެ ބޭފުޅުން ޔޫއޭއީ އަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހު އާއި ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ދެ ރައީސުންގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް ވަނީ ކުރައްވައިފަ އެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަބޫދާބީގެ ވަލީއަޙްދަށާއި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީއަކީ ވިޔަފާރިއާއި އިޤްތިޞާދީ، އިޖްތިމާޢީ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ އަދި އެކިގޮތްގޮތުން ވަރަށްބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ދެމުން އަންނަ، ރާއްޖޭގެ ރައްޔިތުންގެ ގާތް އެކުވެރި ޤައުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަޙްދު ދެއްކެވި ވާޙަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ މުހިންމުކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގާތް އަޚުވަންތަގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިދަތުރުފުޅަކީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޔޫއޭއީއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.