English Edition
Dhivehi Edition

ސްކޫލުގެ ސައެންސް ކުލަބު ނުވަތަ ސްޕެކްޓްރާ އިން އިންތިޒާމުކޮށްގެން އިއްޔެ ހަވީރު “ކިޑްސް ސައެންސް އެކްސްޕޯއެއް” ވަނީ ބާއްވާފައެވެ.

މި ސައެންސް އެކްސްޕޯގައި ސްކޫލުގެ ގްރޭޑް 7އިން ދަށުގެ ދަރިވަރުންވަނީ އެކުދިންގެ އުފެއްދުންތައް ހުށައަޅާފައެވެ. މި ސައެންސް އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސައެންއާއި ޓެކުނޮލޮޖީގެ ދާއިރާއިން އުނގެނުމުގެ ފުރުސަތުތައް ހޯދައިދީ މި ދާއިރާއިން ދިމާވާ ގޮންޖެހުންތަކަކާ ކުރިމަތިލެވޭ އުފެއްދުންތެރި ދަރިވަރުންތަކެއް ބިނާކުރުންކަމަށް ސްޕެކްޓްރާގެ ރައީސް މުހައްމަދު ޔަމީން (10 އެސް) ބުންޏެވެ.

މި ސައެންސް އެކްސްޕޯ ހުޅުވައި ޝަރަފުވެރިކޮށްދެއްވީ ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސް ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު އަޒްރާއެވެ. މި ސައެންސް އެކްސްޕޯގެ އުފެއްދުންތައް ފަނޑީޔާރުކަން ކޮށްދެއްވީ މަރަދޫ ފޭދޫ ސްކޫލުގެ 2 ޓީޗަރުންނާއި އައްޑޫ ހައި ސްކޫލުގެ 4 ޓީޗަރުންގެ އިތުރުން ކުރީގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

މި ސައެންސް އެކްސްޕޯ ބެލުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން ވަނީ އިއްޔެ އެ ސްކޫލަށް ޒިޔާރަތްކޮށްފައެވެ.