English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުން، 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށައަޅައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަނީލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށް ވެސް ހައި ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ހުކުމެއް ކަމަށެވެ.

ރައީސް ޔާމީން މިހާރު ވަނީ މާލެ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. އަދި އެޗްއާރުސީއެމް އިން ވަނީ އެމަނިކުފާނުގެ އަރިހަށް ވަޑައިގެން ބައްދަލުކުރައްވާފައި އެވެ.

ދައުލަތުން ރައީސް ޔާމީން ގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން 5 އަހަރުގެ މުއްދަތައް ޖަލަށް ލައި 5 މިލިއަން ޑޮލަރުން(77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކޮށްފައެވެ.