English Edition
Dhivehi Edition
ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް އޮންނެވީ 4 ފޫޓު 6 ފޫޓުގެ ކުޑަ ގޮޅިއެއްގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ.

ޔާމީން ލާފައި ހުންނެވި ގޮޅީގައި ވައިބޭރުވާނެ ނިޒާމެއް ނެތުމާއި ރަނގަޅު އަލިކަމެއް ވެސް ނެތް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެމަނިކުފާނު ނިދާ އެނދުގައި ރަނގަޅަށް ފައި ދަމާލާފައި އޮށޯވެގެން ނޯވެވޭއިރު ފާހާނާ އިން ރަނގަޅަށް ފެން ނާންނަކަމަށް އިދިކޮޅުން ބުނެއެވެ. އަދި ޖަލުގެ ގޮޅިތަކުގައި ތިބި މީހުން ދަނވަރުގެ ވަގުތުގައި އަޑުގަދަކުރުމުގެ ސަބަބުން ޔާމީން އަށް ރަނގަޅު ނިދި ލިބިވަޑައިނުގަންނަވާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީން ގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު މިހާރު އެމަނިކުފާނު ހުންނެވީ ކަރެކްޝަން އިން އެމަނިކުފާނު ލާން ވަކި ޖަލެއް ކަނޑައަޅަންދެން މާލެ ޖަލުގައެވެ.

ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމް އިއްވައި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 5 މިލިއަން ޑޮލަރު(77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކޮށްފައެވެ. އަދި ހަމަސް ދުވަހުގެ ތެރޭގައި މި ލާރި ދެއްކުމަށްވެސް ކޯޓުން އަމުރުކުރިއެވެ.

އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ މާލެ ޖަލު ސަރަހައްދުގައި ރޭ އެއްވެ މުޒާހަރާވެސް ކޮށްފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ރޭގެ އެއްވުމުގައި ބައިވެރިވެފައިވާއިރު އެމީހުން ގޮވާލަމުން ގެންދެވީ ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓުމަށާއީ އެމަނިކުފާނު ދޫކޮށްލުމަށެވެ.

ރޭގެ އެއްވުމުގައި ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ އިސްވެރިން ބައިވެރިވިއެވެ. ފުލުހުން ވަނީ މި އެއްވުން ރޫޅާލައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންނަށް ނަސޭހަތް ދިނުމަށް ފަހު އެމީހުން މިހާރު ވަނީ ދޫކޮށްލާފައި އެވެ.