English Edition
Dhivehi Edition

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިޓަލީ ކުޅުނު ފަހު މެޗުގައި އާރްމޭނީއާ 9-1 ލަނޑުން ފަސޭހަ ކަމާއި އެކު ބަލިކޮށް ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އިޓަލީ ޔޫރޯ ފުޓް ބޯޅަ މުބާރާތަށް ކޮލިފައި ވެއްޖެއެވެ.

ރޭގެ މެޗުގެ ކުރިން ވެސް އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދާފައިވާ އިޓަލީން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ.

އިޓަލީ ހިމެނޭ ގްރޫޕް ޖޭގައި އާރްމޭނިއާ ކޮޅަށް ނުވަ ގޯލު ޖެހިއިރު މިއީ ކޮލިފައިން މެޗެއްގައި އެގައުމުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އިޓަލީގެ ފުޓްބޯޅައިގެ ތާރީހުގައި އެޓީމުން އެންމެ ބޮޑު ތަފާތަކުން މެޗެއް ކާމިޔާބުކުރީ 1948 ވަނަ އަހަރު އެވެ. އެ އަހަރު އިންގްލެންޑުގެ ބްރެންޓްފޯޑްގައި ކުޅެ އިޓަލިން ވަނީ 9-0 އިން އެމެރިކާ ބަލިކޮށްފަ އެވެ. ރޭގެ ކާމިޔާބީއަކީ އަމިއް ގައުމުގައި އެގައުމުން ހޯދި ރެކޯޑް މޮޅެކެވެ.

ރޭގެ މެޗުގައި އިޓަލީން ޖެހި ނުވަ ގޯލުގެ ތެރެއިން ނިކޮލަ ޒަނިއޯލޯ އާއި ޗީރޯ އިމޯބިލޭ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު އިޓަލީގެ ދެން ހުރި ލަނޑުތަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އާއި ރިކާޑޯ އޮރްސޮލީނީ، ފެޑެރީކޯ ޗިއޭސާ އަދި އަލެސިއޯ ރޮމަނޯލީގެ އިތުރުން ނިކޯލޯ ބަރެއްލާ އެވެ.

މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން އެގައުމުގެ ކޯޗަކަށް ހަމަޖެއްސީ ކުރިން މެންޗެސްޓަރ ސިޓީގައި ކާމިޔާބީތައް ހޯދި ރޮބާޓޯ މަންޗީނީ އެވެ. މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީން ވަނީ ކުޅުން ރަނގަޅުކޮށް ސައްތަ ރެކޯޑަކާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމް ކޮލިފައި ކޮށްދީފައެވެ.

މަންޗީނީއާ އެކު އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ކޮލިފައިންގައި 37 ގޯލު ޖެހިއިރު އިޓަލީ ކޮޅަށް 10 މެޗުން ވަނީ އެންމެ ހަތަރު ލަނޑެއެވެ.

 

ޓެގު