English Edition
Dhivehi Edition
ކްރިމިނަލް މައިންޑްސްގެ ޕޯސްޓަރެއް - ފޮޓޯ: ގޫގުލް

މަޝްހޫރު އިނގިރޭސި ޓީވީ ސީރީސްއެއް ކަމުގައިވާ “ކްރިމިނަލް މައިންޑްސް”ގެ ފައިނަލް ސީޒަން 8 ޖެނުއަރީ 2020 ގައި ޕްރިމިއަރ ކުރާނެ ކަމަށް، އެ ސީރީސް ދައްކަމުން އަންނަ ޗެނަލް ކަމުގައިވާ ސީބީއެސް އިން ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ކްރިމިނަލް މައިންޑްސްގެ 15 ވަނަ އަދި ފަހު ސީޒަން އާ އަހަރުގެ ދެވަނަ ހަފްތާގެ ތެރޭގައި ޕްރިމިއަރ ކުރާއިރު، އެ އެޕިސޯޑް ވެގެންދާނީ ދެގަޑިއިރުގެ އެޕިސޯޑަކަށެވެ.

ޖެފް ޑޭވިސް ޕްރޮޑިއުސްކުރާ މި ޝޯވ އަކީ އެމެރިކާގެ އެންމެ ނުރައްކާތެރި ކުށްވެރިންގެ ސިކުނޑި މަސައްކަތްކުރާ ގޮތާއި، އެމީހުން ދެވަނަ ފަހަރަށް ހަމަލާދިނުމުގެ ކުރިން އެމީހުން ޢަމަލުކުރާނެގޮތް ދިރާސާކޮށް ދެނެގަތުމަށް މަސައްކަތް ކުރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އޮފިސަރުންގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީސް އެކެވެ.

22 ސެޕްޓެމްބަރު 2005 ގައި ޕްރިމިއަރ ކުރި މި ސީރީސްގެ 14 ސީޒަނެއް މިހާތަނަށް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، ފައިނަލް ސީޒަންގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖޯ މަންޓެގްނާ. ޕެޖެޓް ބްރޫސްޓަރ، މެތިއު ގްރޭ ގަބްލަރ، އޭޖޭ ކުކް އަދި އައިޝާ ޓައިލަރެ ގެ އިތުރުން ކާރސްޓެން ވެންސްނެސް އާއި އެޑަމް ރޮޑްރިގެޒް އަދި ޑެނިއެލް ހެނީ ހިމެނެއެވެ.

މި ސީރީސް އަކީ އޭގައި މަސައްކަތްކުރާ ތަރިންގެ އެކްޓިންގ އާއި ޑައިރެކްޝަން އަދި ސްކްރިޕްޓާއި ކެރެކްޓާތަކުގެ ސަބަބުން ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ސީރީސް އެކެވެ.