English Edition
Dhivehi Edition

އަލަށް ވިހެއި ތުއްތު އަންހެން ކުއްޖަކު ދިރިއޮއްވައި ވަޅުލަން އުޅުނު ބަޔަކު ހުއްޓުވައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިންޑިޔާގެ ހައިދަރުއާބާދުގައި މި މަހުގެ 3 ވަނަ ދުވަހު ހިނގި މިހާދިސާގައި ނަގާފައިވާ ފުޓޭޖެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. ވީޑިއޯގައި ފެންނަނީ ފުލުހުންގެ އޮފިސަރަކު ފިރިހެނަކާ ވާހަކަ ދައްކައި އޭނާގެ އަތުގައި ރަޖާގަނޑެއްގައި އޮޅާފައި އޮތީ ކޮންއެއްޗެއް ކަމާ މެދު ސުވާލުކުރާ ތަނެވެ. ކުރިމަތީގައި އެހެން ފިރިހެނަކު ވަޅުގަނޑެއް ކޮންނަން ހުންނަތަން ފެނެއެވެ. ފުލުހުންގެ އޮފިސަރު ސުވާލު ކުރުމުން ޖަވާބުގައި ފިރިހެންމީހާ ބުނަމުން ދިޔައީ އެއީ މީގެ ކުޑައިރުކޮޅެއް ކުރިން ހޮސްޕިޓަލް ގައި މަރުވި ތުއްތު ކުއްޖެއް ކަމަށެވެ. އެކަމަކު އޮފިސަރު ވާހަކަ ދައްކަމުން ދަނިކޮށް ތުއްތު ކުއްޖާ ވަނީ ރަޖާގަނޑުގެ ތެރޭގައި އޮވެ ހަރަކާތް ކޮށްފައެވެ. އެތަން ފެނުމުން ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށްފައެވެ.

ތުއްތު ކުއްޖާ އުރާލައިގެން ހުރީ އެ ކުއްޖާގެ ކާފައެވެ. އޭނާ ބުނެފައިވަނީ އެމީހުންގެ އަންހެން ދަރިފުޅު ގާތުގައި ހުރި ހޮސްޕިޓަލެއްގައި އެބައޮތް ކަމަށާއި އޭނާ ވިހެއީ އަންހެން ކުއްޖެއްކަން އެނގުމުން ތުއްތު ކުއްޖާ ގެއަށް ގެންދިއުމަށް ބޭނުން ނުވީ ކަމަށެވެ.

ތަހުގީގަށް ފަހު ތުއްތު ކުއްޖާ މިހާރުވަނީ ހޮސްޕިޓަލުގައި ބާއްވާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

މި ހާދިސާގެ ޚަބަރު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހާދިސާ ހިނގި ވަގުތު އެމަގުން ދިޔަ ޓެކްސީ ޑްރައިވަރެކެވެ. ބަސް ހުއްޓާ ސަރަހައްދާއި މާ ދުރުނޫން ހިސާބެއްގައި ދަބަހެއް ހިފައިގެން ހުރި މީހަކާއި އަދި ވަޅުގަނޑެއް ކޮންނަން ހުރި މީހަކު ފެނިގެން ޓެކްސީ ޑްރައިވަރަށް އެމީހުންނާ މެދު ޝައްކު ކުރެވިގެން ފުލުހުންނަށް ރިޕޯޓް ކުރީއެވެ.

ތުއްތު އަންހެން ކުދިން ވަޅުލުމަކީ އަދިވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އާންމު ކަމެކެވެ. ގިނަފަހަރަށް އާއިލާއިން މި ގޮތަށް ކަންތައްތައް ކޮށްފައިވަނީ އަންހެން ކުއްޖާ ބޮޑުވެގެން މީހަކާ ކައިވެނި ކުރަންޖެހޭ އިރު ހޯދަން ޖެހޭ ޑައުރީގެ ސަބަބުން އެފަދަ ފޯރުންތެރިކަން ނެތުމުންނެވެ.

 

ޓެގު