English Edition
Dhivehi Edition

ފަލަވާތީ އެކަމާ ކަންބޮޑުވެ ގޮތް ހުސްވާ ހިސާބަށް ގޮސް ޑިޕްރެޝަން އާއި ހަމައަށް ގޮސްފައިވާ އެތައް ބަޔަކު ދިވެހީންގެ ތެރޭގައި ވެސް އެބަ ތިއްބެވެ. އެތައް ބައެއްގެ ކަންބޮޑުވުން މިކަމަށް ހުރި އިރު ހިކެން އެތައް ވައްތަރެއްގެ މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކެއުމުން ދުވަސްކޮޅަކަށް ދުރުވުމުން ހިކެން ފާސޭހަ ވާނެ ކަމަށެވެ. އަނެއް ބަޔަކު ދަނީ ވަކި ބާވަތެއްގެ ކާއެއްޗެހި ކެއުމުން ދުރުވަމުންނެވެ. ބައެއް މީހުން ދެކޭގޮތުގައި ފަލަވާން އެންމެ ބޮޑަށް މަގުފަހިކޮށްދޭ އެކަށްޗަކީ ބަތެވެ.

ފަލަވުން ނުވަތަ އޮބޭސިޓީ ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ދިރާސާތައް ކޮށްފައި އެބަ ހުއްޓެވެ. މީގެ ތެރޭގައި ބަތް ކައިގެން ވަނީ ފަލަތޯ ނޫނީ ބަތް ކައިގެން ފަލަ ނުވެ އެއް މިންގަނޑެއްގައި ހިފެހެއްޓޭތޯ ބަލަންވެސް ދިރާސާއެއް ކޮށްފައި ވެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޤައުމު އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާގޮތުގައި އެ ޤައުމުގެ އާބާދީގެ 39.8 އިންސައްތަ މީހުން އޮބޭސިޓީ ހުރެއެވެ. ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން އިން ބުނަނީ ޖަޕާނުގައި އޮބޭސިޓީ ހުންނަ މީހުންގެ އަދަދަކީ އެ ޤައުމުގެ އާބާދީގެ 4.3 އިންސައްތަ މީހުންނެވެ.

އެމެރިކާ އާއި ޖަޕާނު، މި ދެ ތަނުގެ މީހުން ބަތް ކާ މިންވަރަށް ބަލާއިރު އެންމެނަށްވެސް އެނގޭ އެއް ހަގީގަތަކީ ޖަޕާނުގައި ބަތް ކާ މީހުންގެ ނިސްބަތް އިތުރުކަމެވެ. އަދި އެމީހުން އާދައިގެ މަތީން ކޮންމެ ދުވަހަކުބަތްކާ މީހުންނެވެ

ޖަޕާނުގެ ކިޔޯޓޯގައި ހުންނަ ޑޮޝިޝާ ވުމެން ކޮލެޖް އޮފް ލިބެރަލް އާރޓްސް ގެ ދިރާސާ ކުރާ ފަރާތްތަކުން 136 ޤައުމެއްގެ ޑޭޓާ ނެގުމަށްފަހު ހެދި ދިރާސާއެއް ދައްކާ ގޮތުން ދުވާލަކު 150 ގްރާމް ގެ ބަތް ކާ މީހުންނާއި 14 ގްރާމަށްވުރެ މަދުން ބަތް ކާ މީހުންގެ ތެރެއިން ގިނައިން ބަތްކާ މީހުންގެ ބަރުދަން ލުއިއެވެ.

މި ދިރާސާގައި ގިނައިން ބަތްކާ މީހުންގެ ބަރުދަން ލުއި ކަމަށް ދެއްކިޔަސް އެމީހުން އެ ކަނީ ކޮންކަހަލަ ބަތެއް ކަން ފާހަގަކޮށްފައެއް ނުވެއެވެ. އެހެންކަމުން ބަތްކައިގެން ފަލާވާކަމަށް ބުނާ ބުނުމުގެ ތެދު ދޮގު އަނެއްކާވެސް މި ވަނީ ބޮޑު ސުވާލެއްގެ ތެރޭގައެވެ. ހަގީގަތުގައިވެސް ފަލަވަނީ ބަތްކައިގެން ތޯއެވެ؟؟؟؟؟؟