English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ ޝަރީޢަތްތައް ޓެލެކާސްޓް ނުކުރުމަށް އެ ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލެއް ހެދިފައިއޮތް ނަމަވެސް، އެ އުޞޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީޢަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދި ބައެއް މައްސަލަތަކަކީ އެމައްސަލައެއްގެ ޝަރީޢަތް ވަގުތުން ޓެލެކާސްޓު ކުރުމުން އާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ މައްސަލަތަކެއް ކަމަށްވުމާއި، އޭގެ ސަބަބުން އެއްބައަކަށް ފައިދާވެ އަނެއްބަޔަކަށް ގެއްލުންވުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުމާއި، ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި، ޢަދުލު އިންސާފާއިމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިޔުމާއި، ބައެއް މައްސަލަތަކަކީ އެކަމެއްގައި ހިމެނޭ އެއްބައެއްގެ މައްޗަށް ޝަރީޢަތް ހިނގަމުން ދާއިރު ހަމަ އެކަމުގައި ހިމެނޭ އެހެން ބައެއްގެ މައްޗަށް ތަޙުޤީޤު ހިނގަމުންދާ މައްސަލަތަކަށްވުމާއި، އެޙާލަތުގައި ޝަރީޢަތް ޓެލެކާސްޓް ކޮށްފިނަމަ ތަޙުޤީޤަށް ނޭދެވޭ އަސަރު ކުރާނެ ކަމާއި، އަދި ފަހުން ޝަރީޢަތަށް އަންނަ މައްސަލައަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމާއި، ހެކިންގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މީހުން މައްސަލައިގެ އަޑުއެހުމަށް ނުވެއްދޭއިރު، އެފަދަ ޙާލަތެއްގައި ޝަރީޢަތް ޓެލެކާސްޓް ކުރުމުން ފަހުން ހުށަހެޅޭ މައްސަލައިގައި ހެކިބަސްދޭން ހުށަހެޅިދާނެ މީހުންގެ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ ގިނަކަންކަން ހިނގާފައި އޮތުމުން، ހެކިންގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިވާ މީހުން އަޑުއަހަން ނުވެއްދުމުގެ ބޭނުން ނެތިދިއުމާއި، ނަތީޖާއެއްގެ ގޮތުން ހެކިބަސް އެއްގޮތް ކުރުމަށް މަސައްކަތް ކުރެވޭ ގޮތަށް އޮތުމުން އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކޯޓުން ބުނެއެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލު އަލުން މުރާޖަޢާކޮށް ޢާންމުކޮށްގެން ނޫނީ ޝަރީޢަތްތައް ޓެލެކާސްޓް ނުކުރުމަށް ހުރިހާ ޤާޟީންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

މީގެ އިތުރުން، މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލަ ޓެލެކާސްޓު ނުކުރުމަށް ނިންމައިފިނަމަ، ސުވާލު އުފެއްދުމުގެ ޖާގައޮތުމުން، އެ މައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިޜާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށާއި، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.