English Edition
Dhivehi Edition

ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ލެވެލްއާއި ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު، މެޕްސް ކޮލެޖްގެ ޖެނުއަރީ 2020 އިންޓޭކްގެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.މެޕްސް ކޮލެޖުން ވިދާޅުވާ ގޮތުގައި 50 އަށް ވުރެ ގިނަ ކޯސްތަކަށް ކިޔެވުމުގެ ފުރުޞަތު މިފަހަރުވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލޮޖިސްޓިކްސް ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ގިނަ ކޯސްތަކަކީ އިންޓަނޭޝަނަލް އެވޯޑިންގްބޮޑީ ތަކުން ސަނަދުދެވޭ ކޯސްތަކެކެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝައަރ އާއި އޮކްސްފޯޑް ބްރޫކްސް ޔުނިވާރސިޓީ، އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭ.ބީ.އީ)، އެސޯސިއޭޝަން އޮފް ޗާރޓާރޑް ސެޓިފައިޑް އެކައުންޓަންޓް (އޭ.ސީ.ސީ.އޭ) ހިމެނެއެވެ. މީގެ އިތުރުން މެޕްސް ކޮލެޖުން އަމިއްލަ ގިނަ ކޯސްތަކެއްވެސް ހިންގައެވެ. ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއާ ހަމައަށް ބިޒްނަސްގެ ތަފާތު ހަތް ދާއިރާއަކުން މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކަށް ކިޔަވާދެއެވެ.

މެޕްސް ކޮލެޖުން ވަނީ އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް އެކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުފަހިކޮށްދެއްވާފައެވެ. އަދި އެކޯސް ނިންމުމަށްފަހު، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އޭލެވެލްގެ ތިން މާއްދާއާއެކު ސީދާ ޑިގްރީކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވިފައިވާ ޑިގްރީ ކޯސް ތަކަކީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވާދިނުމަށް ހުޅުވާލާފައިވާ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެއްކަމަށް މެޕްސް އިން މަޢުލޫމާތު ދެއްވައެވެ. އޯލެވެލް އަދި އޭލެވެލްއިން ބޭނުންވާ ނަތީޖާ ނެތް ފަރާތްތަކަށް، ‘އޯލްޓަނޭޓް އެންޓްރީ’ ނުވަތަ އެބޭފުޅެއްގެ ވަރކް އެކްސްޕީރިއެންސްއަށް ބަލައިގެންވެސް ކޯސްތަކުން ޖާގަދެވޭނެކަމަށާއި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބެން ހުންނާނެކަމަށް މެޕްސް ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.

އެ ކޮލެޖްގެ ޖެނުއަރީ އިންޓޭކްގައި އެންމެ ފާހަގަކޮށްލެވޭ ކޯސްތަކުގެ ތެރޭގައި ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ މާސްޓަރސް ކޯސްތައް ހިމެނެއެވެ. މިގޮތުން އެމް.ބީ.އޭ، އެމް.ބީ.އޭ (ފައިނޭންސް) އަދި އެމް.ބީ.އޭ (ހޮސްޕިޓަލް އެންޑް ހެލްތު ސަރވިސަސް މެނޭޖްމަންޓް) އަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ހަމަ އެހެންމެ. ރަށްރަށުގައި ދިރިއުޅުއްވާ ބޭފުޅުންނަށް މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުގައި ބައިވެރިވެގެން އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުވެސް މިއަހަރުގެ އޮކްޓޯބަރ މަހުން ފަށައިގެން މެޕްސް ކޮލެޖުންވަނީ ވފަހިކޮށްދީފައެވެ. މިގޮތުން އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް ޖެނުއަރީ އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މެޕްސް ކޮލެޖްގެ ޖެނުއަރީ 2020 އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 26 ޑިސެމްބަރ 2019ގެ ގެނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މެޕްސް ކޮލެޖަށް ވަޑައިގެން ނުވަތަ ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވެއެވެ.

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 20 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.