English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވަނީ މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ޤާނޫނުއަޞާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯސް ކަމަށެވެ.

“އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަޤާމެއް ނޫން. ތިޔައީ މުޅިން ޣައިރު ދުސްތޫރީ ޢަމަލެއް. ތިޔަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ”، އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވެއެވެ.

ޑރ. ޖަމީލް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިއަދު ނިންމައިފަ އެވެ. އަދި ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރުމަށްވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.

ޑރ. ޖަމީލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކަކު ކަމުގައިވިޔަސް، ފަހަކަށް އައިސް އޭނާ ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.