English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް، ޑރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައި، އެމައްސަލަ އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ޖޭއެސްސީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އެސްޖީގެ މަސައްކަތަށް ހުރަސްއަޅުއްވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި އެއްވެސް މުޢާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ދެއްވާކަމަށް ބަޔާންކޮށް އެ ކޮމިޝަނަށް ސިޓީއެއްހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ސިޓީއާއި ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވަނިކޮށް، މި ހަފްތާގައި ސުޕްރީމް ކޯޓުގެ އެސްޖީ ވަޒީފާއިން ވަކިކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާތީ، އެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަމަށްވެސް ޖޭއެސްސީ އިން ބުނެއެވެ.

ޖޭއެސްސީ އިން އިތުރަށް ބުނީ އެ ކޮމިޝަންގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙާ ގުޅިގެން ޑީޖޭއޭ އިން ޤާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތަށް ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށާއި، ޤާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.