ޖޭއެސްސީއަށް ހާޒިރުވާން ފޮނުވި ނޯޓިހާއި އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވި
3 ހަފްތާ ކުރިން
އައިޝަތު ފަތުޙީ

ޖުޑީޝަލް ސަރިވސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންގެންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ތަޙުޤީޤު ކޮމިޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް ފޮނުވި ނޯޓިހާއި އެމަނިކުފާނު ހަވާލުވެފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީ އިން މިހެން ބުނެފައި ވަނީ އެ ކޮމިޝަންގެ ލިޔުމެއް ހަވާލުކުރުމަށް ކަމަށް ބުނެ ގޮތް ނޭނގޭ މީހަކު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ވަންނަން މަސައްކަތް ކުރި ކަމަށް ސުޕްރީމް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ޚަބަރާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގަ އެވެ.

Advt

Advertisement

އެ ބަޔާނެއްގައި ޖޭއެސްސީ އިން ބުނެފައި ވަނީ އެ ކޮމިޝަނުން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގައި އެމަނިކުފާނަށް ހަވާލުކުރަންޖެހޭ ނޯޓިހެއް، އެ ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް ހަވާލުކުރުމަށް މިއަދު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

“އެގޮތުން، މިކޮމިޝަންގެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުޚާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެމުވައްޒަފު އޭނާގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި އަދި މުވައްޒަފުގެ އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަމަށް އުއްތަމަ ފަނޑިޔާރަށް ދަންނަވާފައިވެއެވެ. އެގޮތަށް މުވައްޒަފު ދެންނެވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައެވެ.”، ޖޭއެސްސީ އިން ނެރުނު ބަޔާނުގައި ވެއެވެ.

ޖޭއެސްސީ އިން ބުނީ އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލާގައި ތަޙުޤީޤު ކޮމިޓީ އަށް ހާޒިރުކުރުމަށްޓަކައި އެ ފަނޑިޔާރާއި ނޯޓިސް ހަވާލުކުރަން މަސައްކަތް ކުރުމުން، އެ ފަނޑިޔާރު ވަނީ ނޯޓިހާ ހަވާލުވެފައި ކަމަށެވެ.