English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާއި ގުޅިގެން ފޮރެންސިކް އޮޑިޓެއް ހެދުމަށް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤަވާއިދާ ޚިލާފަށް ހިންގާފައިވާ އެއްވެސް ފައިސާ ޓްރާންސެކްޝަނަކަށް އެ ބޭންކުން ތާއީދެއް ނުކުރާނެ ކަމަށާއި، މިހާތަނަށް ކުރި އެއްވެސް އޮޑިޓަކުން އެމްއެމްޕީއާރުސީގެ މައްސަލައިގައި ބޭންކްގެ އިހުމާލެއް ވާކަމަށް އެނގިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާތީ، އެ މައްސަލައާއި ގުޅުންހުރި ޓްރާންސެކްޝަންތަކުގެ ތަފްސީލީ ތަޙުޤީޤެއް، މިނިވަން ބޭރު މުއައްސަސާއަކުން ކުރުވުމަކީ ބޭންކާއި ޤައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި އެ ކުންފުނީގެ ބޯޑުން ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ފޮރެންސިކް އޮޑިޓެއް ކުރުމަށް މާލީ ޚިދުމަތްތައް ދިނުމުގައި 150 އަށްވުރެ ގިނަ އަހަރުވެފައިވާ ބައިނަލްއަޤްވާމީ ކޮންސަލްޓެންސީ ފާމެއް ކަމުގައިވާ ޑެލޯއިޓް ސިންގަޕޫރު އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ޑެލޯއިޓް އިން އެމްއެމްޕީއާރުސީ އަދި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް އާއެކު ހިންގާފައިވާ ހުރިހާ ބޭންކް ޓްރާންސެކްޝަންތައް ރިވިއުކޮށް، ހުރިހާ ޓްރާންސެކްޝަނެއްގެ ފުރިހަމަ ތަހުލީލެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެންޑޯސްކޮށްފައި ހުރި ޗެކުތަކުގެ އިތުރުން އޭރު ޢަމަލުކުރަމުން އައި ބޭންކްގެ ރިޕޯޓިންގ އަދި ކޮންޓްރޯލް ޕްރޮސީޖާތައްވެސް ބެލޭނެ އެވެ.

މީގެ އިތުރުން ބޭންކުން މިހާރު ޢަމަލުކުރަމުން އަންނަ އުސޫލްތަކާއި ޤަވާއިދުތަކާއި، ރިސްކް މެނޭޖްކުރުމުގައި ގެންގުޅޭ އުސޫލްތަކުގެ އިތުރުން ބޭންކުން ޢަމަލުކުރަމުންދަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށްތޯވެސް މި އޮޑިޓްގެ ތެރެއިން ބަލާނެ އެވެ.

ބީއެމްއެލް އިން ބުނީ މިއީ އެ ބޭންކަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ، އިތުބާރުހިފޭ މުއައްސަސާއަކަށް ހެދުމަށް އެ ކުންފުންޏަށް އަލަށް އައްޔަން ކުރެވުނު ބޯޑާއި ސީއީއޯ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ. މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ ޚިޔާނާތުގައި ބީއެމްއެލްގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.