English Edition
Dhivehi Edition

މާލޭގައި ސްޓޭޝަނަރީ އާއި ޕްރިންޓިން ވިޔަފާރީގައި މަޝްހޫރު އެމް 7 އިން އައްޑޫސިޓީ، ކޮންޓްރޯލް ޕީ އާއެކު އެމް އޯ ޔޫ އެއްގައި ސޮއިކޮށްފިއެވެ. އެކަމަށްޓަކައި ރޭ ގަމުގެ އީކުއޭޓަރ ވިލެޖްގެ މީޓިން ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމް 7 އާއި ކޮންޓްރޯލް ޕީ ގެ އިސްބޭފުޅުންގެ އިތުރުން އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި އެމް7 ގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރެވެ. ކޮންޓްރޯލް ޕީ ގެ ފަރާތުން ސޮއި ކުރެއްވީ ފައިނެންސް ޑިރެކްޓަރ މުޙައްމަދު ޙާފިޒު ޙުސެއިން އެވެ.
ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ އެމް 7 އަކީ ރާއްޖޭގެ މަޝްހޫރު ކުންފުންޏަކަށް ވެފައި އަގުހުރި މަސައްކަތްތަކެއް ފޯރުކޮށްދޭ މިފަދަ ކުންފުންޏެއްގެ ޚިދުމަތް އައްޑުއަށް ލިބިގެން ދިއުމަކީ އައްޑޫގެ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ވާތީ އެކަމަށްޓަކައި އެމް 7 އަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި ކޮންޓްރޯލް ޕީއަކީ ވެސް އައްޑޫސިޓީގެ އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މުހިއްމު ޚިދުމަތެއް ދޭ ބަޔަކަށް ވެފައި އެމް 7 އާއެކު ނިކުމެ ތަޢާރަފްކުރެވޭ ޚިދުމަތްތަކުގައި ސިޓީކައުންސިލްގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އެމް 7 ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރު ދެއްކެވި ވާހަކާގައި އެމް 7 އުފެދިގެން އައީ ވަރަށް އާދައިގެ ވިޔަފާރިއަކުން ކަމަށާއި ޕްރިންޓިން ގެ ޚިދުމަތުގެ ތެރެއިން ސްޓޭޝަނަރީ ތަޢާރަފްކޮށްގެން މިހާހިސާބަށް އައި ގޮތުގެ މައްޗަށް ބައްލަވާ ލައްވަމުން ކޮންޓްރޯލް ޕީ އަކީ ވެސް އެމް 7 އާއި ދާދި އެއް ގޮތަކަށް އުފެދި ކުރިއަށް ދިއުމުގައި ވެސް އެއް މިސްރާބެއް އޮތް ވަރަށް އެއް ގޮތް ދެތަން ކަމުގައި ވިދާޅުވިއެވެ. އެއްބަސް ވުމަކަށް އާދެވުނީވެސް މިސަބަބުތަކާހެދި ކަމަށް ވިދާޅުވަމުން އެމް ސެވެންއިން އައްޑޫގައި ޚާއްސަ ގޮފި ތަކެއް ވަކިން ނުހަދާނެ ކަމަށާއި ވިސްނުންހުރީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ ދެފަރާތް ގުޅިގެން ހިންގޭ ކަންތައްތަކަކަށް މަގުފަހި ކުރުންކަމުގައި ވިދާޅުވިއެވެ. ” އަޅުގަނޑުމެންގެ ނެތް މިތާނގަ އެސްޓެބްލިޝް ވުމުގެ ވިސްނުމެއް. އެސް އެމް އީ ވިޔަފާރި ތަކަށް އެހީވުން އެއީ މައިގަނޑު މަޤްސަދަކީ ”
ކޮންޓްރޯލް ޕީ އާއެކު އެމް 7 އިން ވެވުނު އެއްބަސްވުމުގެ ދަށުން،ކޮންޓްރޯލް ޕީއަށް  ބޭނުންވާ މެޓީރިއަލް ސަޕްލައި ކުރުމުގައި ދިމާވާ ދަތިތައް ޙައްލުވުމުގެ އިތުރަށް  އިމްޕޯޓްރޭޓްއަގުހެޔޮ ވެގެންދާނެއެވެ. މީގެ އިތުރުން ހައި ކޮލިޓީ ޕްރިންޓިންގެ ޚިދުމަތް ކަޑައެޅޭ އުސޫލެއްގެ ދަށުން އައްޑޫގައި ފެށިގެން ދާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތަޢާރަފް ކުރެވޭ ގެސްޓްހައުސް ވިޔަފާރިއާއެކު އައްޑޫސިޓީއަށް ޕްރިންޓިން ގެ ޚިދުމަތް ބޭނުންވާ ހަލުވި މިނުގައި ފޯރުކޮށްދިނުމަކީ އެބޭފުޅުންގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެހެންނަމަވެސް ކުންފުނިތަކުން ބޭރުން ޕްރިންޓް ކުރާ ކުރުން ހުއްޓާލައިގެން ނޫނީ މިޚިދުމަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.


މިރަސްމިއްޔާތުގައި ކޮންޓްރޯލް ޕީ ގެފައިނެންސް ޑިރެކްޓަރ މުޙައްމަދު ޙާފިޒު ޙުސެއިން ވިދާޅުވީ އެމް 7 އާއެކު މިވެވުނު އެއްބަސް ވުމުގެ ސަބަބުން މިހާރު ކޮންޓްރޯލް ޕީއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެގޮތުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ކަސްޓަމަރުން ބޭނުންވާ އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
ކޮންޓްރޯލް ޕީ އިން ވަނީ އައްޑޫގައި ބާރަށް ހިނގާ އައިޓަމްތަކުގެ ސާވޭ އެއް ހެދުމަށް ފަހު އެއައިޓަމް ތަކާއެކު ސްޓޭޝަނަރީ ވިއްކުމަށް ޚާއްސަ އައުޓްލެޓެއް “ޕްރިންޓް ޕޮއިންޓް” ގެ ނަމުގައި ހިތަދޫ ބޮޑުމަގުގައި ކުރިން އެންލައިޓް ބުކްޝޮޕް ހިންގި ޢިމާރާތުގައި ޤާއިމްކޮށްފައެވެ. ކޮންޓްރޯލް ޕީ އިން ފޭދޫގައި ހަދާ އައުޓްލެޓް ރީލޮކޭޓް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިއާއެކު ހިތަދޫގައި އަޅާ އާއިމާރާތުގެ ކުރެހުން ނިމި މިހާރު ކުރެވެމުންދަނީ ޢަމަލީގޮތުން މަސައްކަތް ފެށުމުގެ ތައްޔާރީތަކެވެ. މިއަހަރުތެރޭ ކޮންޓްރޯލް ޕީގެ 4 އައުޓްލެޓެއް އައްޑޫސިޓީއިން ފެނިގެންދާނެ ކަމަށް ޙާފިޒު ވިދާޅުވިއެވެ.
އެމް ސެވެން އާއެކު ރޭ ވެވުނު އެއްބަސް ވުމަށްފަހު މިރަސްމިއްޔާތުގައި ސްކޫލް ސީޒަނަށް ޚާއްސަކޮށްގެން ތަޢާރަފްކުރާ ފޮތް ކިޓް ވެސް ދައްކާލުން އޮތެވެ. އެތައް އަހަރެއްގެ ތަޖްރިބާ ލިބިގެން ދިވެހި ކިޔަވާ ކުދިންނާ ގުޅޭ ގޮތަށް ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ސްޓޭޝަނަރީއާއި ފޮތް ހިމެނޭ މިޕެކޭޖް ވަނީ ތިމާވެއްޓާއި ރައްޓެހި ބޯކަރުދާހުގެ ރީތި ފޮއްޓެއްގައި ބަންދު ކުރެވި ލޭބަލް ކުރެވިފައެވެ.
އެމް ސެވެންއާއެކު ކޮންޓްރޯލް ޕީ އިން ހިންގާ ޙަރަކާތުގެ އިތުރުން އެމް7 ގެ ސީއެސްއާރ ޕްރޮގްރާމްގެ ދަށުން ވަނީ އައްޑޫސިޓީގެ ރަށްތައް ފެހި ކުރުމުގެ ޕްރޮގްރާމެއް ސްކޫލްތަކާ ގުޅިގެން ހިންގުމަށް ރާވާފައެވެ. މި އާއެކު ކުރިއަށް އޮތް 3 އަހަރުއައްޑޫސިޓީގެ ސްކޫލް ތަކުން ހިންގަން ރާވާ ޙަރަކާތްތަކަށް އެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.