English Edition
Dhivehi Edition

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް  ކުލަގަދަކޮށް ފާހަގަ ކުރުމަށް ފޭދޫ ޞިއްޙީމަރުކަޒުން  ތައްޔާރު ވަމުންއެބަދެއެވެ.

ފޭދޫ ޞިއްޙީމަރުކަޒުން އިސްނަގައިގެން ފޭދޫގެ ދެ ކްލިނިކް ކަަމަށްވާ އައްޑޫ މެޑިސިޓީ އަދި އެއިމްސް ޑައިގްނޯސްޓިކް ކެއަރ އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. އެއީ މިމަހުގެ 14 އަދި 15ވަނަ ދުވަހު އެވެ.

ޞިއްޙީމަރުކަޒުން ހާމަކުރާގޮތުގައި 14 ވަނަ ދުވަހު ހެނދުނު  އޮންނާނީ ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެންބާއްވާ އަކުއަތުލޯން އެކްސަސައިޒެކެވެ. މި އެކްސަސައިޒް ނިއްމާލުމަށްފަހު ހަކުރުބަލީގެ މީހުންނާއި އަދި ޕްރީ ޑައިބެޓިކް މީހުންނަށް ޚާއްޞަކޮށް ގެން ތައްޔާރުކުރެވޭ ޚާއްޞަ މެނޫއެއްގެ މައްޗަށް އެކުލެވޭ ހެނދުނުގެ ނާސްތާއެއް އޮންނާނެ އެވެ.

15 ވަނަ ދުވަހު ހަވީރު 4:00 އިންފެށިގެން 6:00 އާއިދެމެދު ފޭދޫ ފަސްގަނޑުގައި (މަރަދޫފޭދޫއާއިވީކޮޅުގައި) ދުވަހުގެ މައިގަނޑު ޙަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. ހަވީރު ހިންގޭ ޙަރަކާތުގެ ތެރޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމާއި،ކުޑަކުދިންނަށް ބައިވެރިވެވޭފަދަ ކުޅިވަރުތައްހިމެނޭ ސްޓޯލްތަކާއި އަދި ކެންޓީނާއި ސްޓޭޖްޙަރަކާތް ތަކާއި، ޕޮލިހުން ކުރިއަށްގެންދާ ޙަރަކާތްތައްވެސް ހިމެނޭނެއެވެ.

ހަކުރުބައްޔަށް ސްކްރީން ކުރުމާއި ހެލްތްއެޑިއުކޭޝަން ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިކަމަށް ފޭދޫ ޞިއްޙީމަރުކަޒުން ތަމްރީންކޮށްފައިވާ މިތިން މުއައްޞަސާގެ މުވައްޒަފުންނެވެ. ޑޮކްޓަރުންގެ ޓީމްގައި ހިމެނެނީ،އެއިމްސް ޑައިގްނޯސްޓިކް ކެއަރ،މެޑިސިޓީގެ ޑޮކްޓަރުން (ސްޕެޝަލިސްޓުން)އަދި ފޭދޫ ޞިއްޙީމަރުކަޒުގެ ޑޮކްޓަރުންނެވެ.  މިޓީމާއިއެކު ހަކުރުބައްޔަށް މީހުން ސްކްރީންކުރުމުގައި ޑައިބެޓިސް ސޮސައިޓީ  އޮފް މޯލްޑިވެސްގެ ޓީމުވެސް ޙަރަކާތްތެރިވާނެއެވެ.

މި ޙަރަކާތް ކުރިއަށްދާއިރު އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ފަރާތުން ގެންނަ “ރޮބޯމެން” ސްޓޭޖްގައި ޙަރަކާތްތެރިވަމުންދާނެއެވެ. ފޭދޫގައި ޞިއްޙީ ޚިދުމަތްދޭ މިތިންތަނުގެ ފަރާތުން މިދުވަހު ހަކުރުބައްޔަށް ސްކްރީންކުރަންދާ މީހުންގެތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް “ސަޕްރައިޒިންގ ގިފްޓެއް” ވެސް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

15 ވަނަ ދުވަހު ހަވީރު ފޭދޫގައި ބާއްވާ މި ޙަރަކާތުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެ ޢާއިލާއާއި އެކު މަޖާ ވަގުތު ކޮޅެއް ހޭދަކޮށް، އަދި ހަކުރުބައްޔަށް ސްކްރީން ކުރުމަކީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މި ތިން މުއައްޞަސާގެ ވަރަށް ބޮޑު އެދުމެއް ކަމަށް މިފަރާތްތަކުން ހާމަކުރެއެވެ.

ފޭދޫގައި ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މިޙަަރަކާތުގެ މީޑިއާ ޕާރޓްނަރަކީ،އޭއޯ ނިއުސްއެވެ. ޕްރިންޓިންގ ޕާރޓްނަރަކީ ކޮންޓްރޯލް- ޕީ އެވެ. އަދި ސްޕޮންސަރުންނަކީ ތްރީއެސް ޕްރައިވެޓް ލޓޑ،އީކްއޭޓަރ ވިލެޖް،ގަންޕޮލިސް އަދި އެމް އެންޑީއެފް ސަދަން އޭރިއަރ އެވެ.