English Edition
Dhivehi Edition

“ކްރިޝް” ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ޖަނަވަރީމަހު ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ފިލްމީ ތަރި ރީތިކް ރޯޝަން ސުޕަރ ހީރޯއެއްގެ ގޮތުގައި ފެނިގެންދާ މި ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ސްކްރިޕްޓާއި ފިލްމު ޝޫޓްކުރާނެ ތަންތަންވެސް މިހާރުވަނީ ފައިނަލްކޮށް ނިމިފައެވެ.

މީގެ ކުރިން މި ފިލްމުގެ އާ ޑައިރެކްޓަރަކީ ސަންޖޭ ގުޕްތާކަމުގައި އަޑު ފެތުރިފައިވީ ނަމަވެސް މި ފަހަރުގެ ފިލްމުވެސް ޑައިރެކްޓްކުރާނީ ރާކޭޝް ރޯޝަން ކަމުގެ ޔަގީންކަން އޭނާވަނީ ދީފައެވެ. އަދި ކްރިޝް3 ގެ ބަތަލާގެ ރޯލުން ފެނިގެން ދިޔަ ޕްރިޔަންކާ މި ފަހަރުގެ ފިލްމުންވެސް ފެނިގެންދާނެކަމަށް ރާކޭޝް ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

2018 ވަނަ އަހަރު އިއުލާން ކުރި މި ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފެށުމަށް ނިންމާފައިވީ ނަމަވެސް ރީތިކްއަށް ލިބުނު އަނިޔާގެ ސަބަބުން ފިލްމު ގެ މަސައްކަތް ލަސްކުރަން ޖެހުނީ ކަމުގައި ފިލްމުގެ ޕްރޮޑެކްޝަން ޓީމުންވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް ފެށަން ބުނި ތާރީހަށްވުރެ ލަސްވެގެން ދިޔަ ނަމަވެސް މި ފަހަރުގެ ފިލްމަކީ އެހެން ފިލްމުތަކާއި ތަފާތު ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއް ކަމުގައި ކްރިޝް4ގެ ޓީމުންވަނީ ބުނެފައެވެ.

މިއަހަރުވެސް ރީތިކްގެ ކާމިޔާބު ދެ ފިލްމު ބެލުންތެރިންނާއި ހަމައަށް އައިސްފައިވާއިރު ކްރިޝް4 އަކީ އޭނާގެ ކާމިޔާބީއަށް އިތުރުވެގެންދާނެ އާ ބޯޅެއްކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.