English Edition
Dhivehi Edition

ވައިގެ މަގުން ބަންގްލަދޭޝް އިން ރާއްޖެ އައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ބުދަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖު ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަށް ޕޮޒިޓިން ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން، އެމީހާގެ ލަގެޖުގެ ތެރެއިން ޖުމްލަ 2339 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 233،900ރ. (ދެ ލައްކަ ތެއްތިރީސްހާސް ނުވަސަތޭކަ ރުފިޔާ) އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު ވައިގެ މަގުން އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ދެ މީހެއްގެ އަތުންވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެގޮތުން އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން އެކްސްރޭ ކުރިއިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބަލައިފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އަދި ފުރަތަމަ މަރުޙަލާގައި އެތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 572،982ރ. (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ) އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.