English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ އަންހެނުންނަށް ހާއްސަކޮށް ދެ ކޯހެއް ފަށައިފިއެވެ.

މި މަހުގެ 04 ވަނަ ދުވަހު ހުޅުދޫ މީދޫ ކަނބަލުންނަށް ހާއްސަކޮށް ދަބަސްފަހަން ދަސްކޮށްދޭ ކޯހެއް ފަށާފައިވާއިރު މި ކޯހަކީ އެ ކޮމިޓީގެ ނިމިދިޔަ ދައިރުގައި ބާއްވަން ނިންމާފައިވާ ކޯހެއްކަމުގައި އެ ކޮމިޓީއިންވަނީ ބުނެފައެވެ.މީގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަނބަލުންނަށް ހާއްސަކޮށް އެޑްވާންސް ކޭކް ޑެކަރޭޝަން ކޯހެއް ފަށާފައިވާއިރު ހުޅުދޫ މީދޫ ކަނބަލުންނަށް ހާއްސަކޮށް ބާއްވާ ކޭކު ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީމަހުގެ ތެރޭގައެވެ. އައްޑޫގެ ކޮންމެ ދާއިރާއަކަށް 05 ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މިކޯހުގައި 25 އަށްވުރެ ގިނަ މީހުން ބައިވެރިވެފައެވެ

މި ކޯސްތަކާއި ބެހޭ ގޮތުން އޭއޯ ނިއުސްއަށް މައުލޫމާތުދެއްވަމުން ކޮމިޓީއިން ބުނީ މި ކޯހަކީ ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ ކޯސްތަކެއް ކަމަށެވެ. “ބޭނުންވަނީ ހަމައެކަނި ކޯހެއް ބާއްވާފަ ނިންމާލާކަށް ނޫން. ބޭނުންވަނީ އަމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ގޭގައި ތިބެގެން މި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުން.. މިހާރު ވިޔަފާރިކުރަން ބޭނުންވާ އަންހެނުންނަށް ވަރަށް ގިނަ ލޯނުތައްވެސް އެބަލިބޭ. އެހެންކަމުން ވިޔަފާރިއަށް ނިކުންނަނަށް ބޭނުންވާ ފަރާތްތަކަށް އެ ލޯނުތައް ހޯދާނެ ގޮތާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ދިނުމަށްވެސް އަޅުގަނޑުމެން ވަނީ ނިންމާފަ. ” ކޮމިޓީގެ ރައިސާ އައިޝަތު ނަދާ ވިދާޅުވިއެވެ

މީގެ އިތުރުންވެސް އެ ކޮމިޓީގެ ފަރާތުން މި މަހުގެ 10 ވަަނަ ދުވަހު ބޭސިކް އެންޑް އެޑްވާންސް މޭކަޕް ކޯހެއްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ ކްލާސްތައް ކުރިއަށްދާނީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގައެވެ.