English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ

ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިމި ލަސްވަމުންދާ ސަބަބުތަކާއި ދަތިތައް ދެނެގަތުމަށްޓަކައި ޚާއްސަ ޓާސް ކްފޯހެއް އެކުލަވައިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިގޮތަށް މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެގެ ޖަލްސާގައި އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގުދެމިގެންދާކަމުގެ ޝަކުވާ ޖޭއެސްސީ އަށް ލިބެމުންދާތީ އެ ކޮމިޝަނުން ވަނީ “ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓެއް” އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެ ރިޕޯޓާއި ގުޅިގެން ދެވެން އޮތް ލަފައެއް ދިނުމަށްވެސް ޖޭއެސްސީ އިން ވަނީ މަޖިލީހުގައި އެދިފަ އެވެ.

އެ ރިޕޯޓް ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން އެކުލަވައިލި ރިޕޯޓްގައި ބުނެފައި ވަނީ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ތަމްސީލްކުރާނޭ ފަރާތްތައް ހިމެނޭގޮތުން އިންޓަރ އެޖެންސީ ޓާސްކް ފޯސްއެއް ޖޭއެސްސީ އިން އެކުލަވާލައި، މި ޓާސްކް ފޯސްގެ މެންޑޭޓްގެ ތެރޭގައި ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާ ސަބަބުތަކާއި ދަތިތައް ދެނެގަނެ އެކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ފާހަގަކޮށް، އެ ފިޔަވަޅުތައް އެޅުން އަވަސްކޮށް އިމްޕްލިމެންޓް ކުރާނެ ގޮތްތައް އެ ޓާސްކް ފޯސްއިން އެކުލަވާލައި ހިންގުމަށް ފެންނަ ކަމަށެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގަ ބުނެފައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި 1900 އަށްވުރެ ގިނަ މައްސަލަ ހުރިއިރު، އޭގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، ފަސް އަހަރަށްވުރެ ގިނަސް ދުވަސްވެ 10 އަހަރު ހަމަނުވާ 12 މައްސަލައެއްވެސް ހިމެނެ އެވެ.