English Edition
Dhivehi Edition

ރޭ އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ޖެނޯއާ ބައްދަލުކުރި މެޗުން ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީގައި ރޮނާލްޑޯ ޖަހައިދިން ލަނޑުން ޔުވެންޓަސް، އިޓާލިއަން ލީގުގެ އެއް ވަނަ އަށް ގޮސްފިއެވެ. ޔުވެންޓަސް މޮޅުވެފައި ވަނީ 1-2 ގެ ތަފާތަކުންނެވެ.

ރޭގެ މެޗުން ޔުވެންޓަސް ކުރިއަށް ޖައްސާލީ ކުރީގައި އޮތް އިންޓަމިލާން އެއްވަނައިން އެއް ޕޮއިންޓްގެ ތަފާތަކުންނެވެ. ޔުވެންޓަސް ރޭގެ ގޯލާއެކު އެއް ވަނަ އަށް އެރީ 10 މެޗުން 26 ޕޮއިންޓް ހަަމަކޮށްގެންނެވެ. މިހާރު ދެ ވަނައަށް އެރި އިންޓަ އަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ރޭގެ މެޗު ކުޅެފައި ވަނީ ޔުވެންޓަސް ދަނޑުގައެވެ. މި މެޗުގެ 36 ވަނަ މިނެޓުގައި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް މާގިނަ އިރު ވަންދެން ޔުވެންޓަސް އަށް ލީޑު ހިފަހައްޓައެއް ނުލެވި މެޗުގެ 40 ވަނަ މިނިޓްގައި ޖެނޯއާ އަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން ކޯމޭ އެވެ.

ކްރިސްޓިއަން ކޯމޭ އަށް އެންމެ ރަނގަޅަށް ބޯޅަ ފޮނުވައި ނުލެވުނު ނަމަވެސް ޔުވެންޓަސް ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ނުހިފެހެއްޓުނެވެ.

ރޮނާލްޑޯ ރޭގައި ވަނީ ޖެނޯއާ އަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނީ ޖެނޯއާ ގެ ފަރާތުން ފެނުނީ ވަރަށް އޯގަނައިޒް ކުޅުމެއް ކަމަށާއި އެކަމަކު ޔުވެންޓަސް އަށް ލިބުނީ ހައްގު މޮޅެއް ކަމުގައި ދެކޭ ކަަމަށެވެ.