English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅިގެން، ބިޑް ވިއްކަން ފަށަން އޮތް ތާރީޚް ފަސްކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ބިޑް ވިއްކާނީ 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް އައްޑޫސިޓީ ކައުންސިލް އިދާރާއިން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ 2,000.00ރ (ދެހާސް ރުފިޔާ) އަދި ބޭރުގެ ފަރާތެއްނަމަ 300.00$ (ތިންސަތޭކަ ޔޫއެސް ޑޮލަރު) އަށެވެ.

މީގެ ކުރިން އައްޑޫ ޓޫރިޒަމް ޒޯންތަކުގައި ގެސްޓުހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުމަށް ހަމަޖެހިފައި އޮތީ 20 އޮކްޓޯބަރު 2019 އިން ފެށިގެން 13 ނޮވެންބަރު 2019ގެ ނިޔަލަށެވެ. މި ކަމަށް ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ.

އައްޑޫ ސިޓީގެ ޓޫރިޒަމް ޕްލޭންގައި ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން،މަރަދޫ ، މަރަދޫފޭދޫ ކަޅިބިތް އިންޓިގްރޭޓެޑް ޓުރިޒަމް ޒޯން އެންޑް ބީޗް،ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އެން ޓުރިޒަމް ބީޗް އަދި ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން، މާފިށި އެކޯ ޓޫރިޒަމް ޒޯން، މާފިށި ޓޫރިސްޓް ބީޗްގެ އިތުރުން މީދޫ ހިކަހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ވިލެޖް އަދި މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންއެވެ.

އައްޑޫގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަން ބިން ދޫކުރަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިންވެސް ވަނީ 2018 ވަނަ އަހަރު އިއުލާންކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ ކުންފުނިންވަނީ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރަން ކުރި އިއުލާން ބާތިލްކޮށްފައެވެ.