English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝަމް ވިދާޅުވެފައިވާތީ، އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މިނިސްޓަރ މަލީހު ވިދާޅުވެފައި ވަނީ ސިއްރުކުރި އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވައިގެން އެކަމިނުފާނުގެ ނަން ޕީޖީ ބިޝާމް ވިދާޅުވިކަމުގެ މަޢުލޫމާތު ނޫސްވެރިޔަކު ދީފައިވާ ކަމަށާއި، އެހެންކަމުން ޕީޖީގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.

އަދި މިހާތަނަށް ތުހުމަތެއްވެސް ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންތޯ ކަމާމެދުވެސް މަލީހު ވަނީ ޕީޖީ ބިޝާމް އާއި ސުވާލުކުރައްވައިފަ އެވެ.

“ޕީޖީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ”، މަލީހުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މަލީހު މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ އިސްފަރާތްތަކަކާއި އެހެން ވެސް ބައެއް ފުލުހުންގެ ބައިވެރިވުން  އޮތް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

ފުލުހުން  ބުނީ  އެމްއެމްޕީއާރުސީ ގެ ތެރެއިން ހިންގި ޚިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާތީ މި  އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާތީ އެކަމުގައި ޝާމިލުވާ ފުލުހުންގެ އަދަދު ހާމަކުރަން ދަތިކަމަށާއި އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއި އިހުމާލު އޮތްކަމަށް ތުހުމަތުކުރެވިފައިވާއިރު، އިއްޔެ ޕީޖީ ބިޝާމްވެސް ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.