English Edition
Dhivehi Edition

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިންތިޤާލީ އިންޞާފުގެ ބިލު، އެޓަރނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.

އަދި މި ބިލުން ފަރުދުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، މުޖުތަމަޢު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި؛ ޤައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ޤާއިމުކޮށް، އެ އޮފީހާ މަސްއޫލިއްޔަތުތަކެއް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.

އެގޮތުން އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުން ހިމެނެއެވެ.

އަދި ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ ޢަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.

މީގެ އިތުރުން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުމަކީވެސް އެ އޮފީހުގެ މަސްއޫލިއްޔަތެއް ކަމުގައި އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ވެސް ފޮނުވަން ޖެހޭނެއެވެ.

އަދި އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެ އޮފީހުގެ ޒިންމާއެކެވެ.

މީގެ އިތުރުން، ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ އިތުރުން ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަކުރުމަކީވެސް އެ އޮފީހުގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.