ސައިންސާއި ތިމާވެށީގެ ފިލްމް ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
4 ހަފްތާ ކުރިން
އައިޝަތު ފަތުޙީ

އަންނަ މަހު އިންޑިއާގައި ބާއްވާ “ސައިންސް އެންޑް އެންވަޔަރަމަންޓް ފިލްމްސް ސްކްރީނިންގ އިން އިންޓަރނޭޝަނަލް ސައިންސް ފިލްމް ފެސްޓިވަލް”ގައި ބައިވެރިވުމުގެ ފުރުސަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެންސީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ފެސްޓިވަލް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 05 އިން 08 އަށް، އިންޑިއާގެ ކަލްކަތާގައި ކަމަށާއި، މި ފެސްޓިވަލްގައި ރާއްޖޭގެ 02 ނުވަތަ 04 ފިލްމެއް ބައިވެރިކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

Advt

Advertisement

އެންސީއޭ އިން ބުނީ މި ފެސްޓިވަލްގައި ބައިވެރިކުރަން ހަމަޖެހިފައިވަނީ ޓެކްނޮލޮޖީ، އެންވަޔަރަމަންޓް، ހެލްތު އަދި ނޭޗަރ ނުވަތަ ރާއްޖޭގެ ކޮންމެވެސް ކަމަކާގުޅޭ ތީމްއަކަށް ހަދާފައިވާ ޑޮކިއުމެންޓްރީ ނުވަތަ ކުރު ފިލްމުތައް ކަމަށެވެ.

މިފެސްޓިވަލްގައި ރާއްޖޭގެ ފިލްމެއް ބައިވެރި ކުރަން ބޭނުންވާ ފަރާތްތަކުން، ފިލްމު ނުވަތަ ޑޮކިއުމެންޓްރީގެ މައުލޫމާތު، ޑައިރެކްޓަރގެ ނަން، އީމެއިލް އެޑްރެސް އަދި ކުންފުނީގެ ނަން nimish.vp@gmail.com ނުވަތަ nkapoor@vigyanprasar.gov.in އަށް މެއިލްކުރުމަށްވެސް އެންސީއޭ އިން ވަނީ އެދިފައެވެ.

މި ފެސްޓިވަލަކީ ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާ ޕްރޮމޯޓްކޮށްދީ، ސައިންސްގެ އެހީގައި ކުރު މުއްދަތެއްގައި އިންޑިއާ އަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދޭނެކަން ދައްކުވައިދިނުމުގެ މަޤްސަދުގައި ބާއްވާ ފެސްޓިވަލެކެވެ. މި އަހަރުގެ ފެސްޓިވަލްގައި އިންޑިއާ އާއި އެހެނިހެން ޤައުމްތަކުން ގާތްގަނޑަކަށް 12،000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.