English Edition
Dhivehi Edition

އިންޑިއާގެ 40 އަހަރުގެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާ އާއި ބައްދަލުކުރަން ދިއުމަށްޓަކައި އޭނާގެ އަނބިމީހާ ގޭތެރެއަށް ލާ ތަޅުލައިފިއެވެ.

އިންޑިއާގެ އަހްމަދުއާބާދުގައި ހިނގި މި ހާދިސާގައި އަނބިމީހާ ގޭތެރެއަށްލާ ތަޅުލާފައިވަނީ އިންޑިއާގެ ޕޮލިހެއްކަމަށް ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ. ގޭތެރޭގައި އެއްގަޑި އިރަށްވުރެ ގިނަ އިރު ވަންދެން ބަންދުވެފައި އިން މި އަންހެންމީހާ ސަލާމަތްކޮށްފައިވަނީ އޭނާ ހަޅޭލަވާ އަޑަށް އެ ހިސާބުގައި ދިރިއުޅޭ މީހެކެވެ. މީޑިއާއަށް މައުލޫމާތު ދެމުން އެ އަންހެން މީހާ ބުނީ މީގެ 16 އަހަރު ކުރިން އޭނާ ކައިވެނިކުރީ އާއިލާގެ މީހުންގެ އެދުމަށް ކަމަށެވެ. އަދި އެ ކައިވެންޏަށް ދެ އަންހެންކުދިން ލިބިފައިވާއިރު ފާއިތުވި 16 އަހަރު އޭނާގެ ފިރިމީހާ އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް އަނިޔާއެއް ކޮށްފައިވާ ކަމަށް އޭނާވަނީ ބުނެފައެވެ. މީގެ އިތުރުން އެ އަންހެންމީހާ ބުނީ ފިރިމީހާގެ އާއިލާ މީހުންވެސް އޭނާއަށް ދެ އަންހެންކުދިން ލިބުމުން އޭނާ ދެކެ ނަފްރަތުކުރާ ކަމަށާއި އެމީހުންގެ ފަރާތުންވެސް އޭނާއަށް އަނިޔާ ލިބެމުންދާ ކަމަށެވެ.

މީގެ އިތުރުން އަންހެންމީހާ ބުނީ އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ވެފައިވާކަމަށެވެ. “އާދިއްތަ ދުވަހު ފިރިމީހާ ބޭރަށް ދާން އުޅުމުން އެގިއްޖެ އެ އުޅެނީ އޭނާގެ ލޯބިވެރިޔާ ކައިރިއަށްދާންކަން. އެކަމާ ޝަކުވާކޮށް ރޮއި އާދޭސް ކުރުމުން ގޭތެރެއަށްލާ ތަޅުލާފަ ދިޔައީ. އަހަންނަށް ބޭރަށް ނިކުމެވުމާއެކު ދިޔައީ އެ އަންހެން މީހާ ގެއަށް. އަހަރެން ދިޔަ އިރު އެ ދެމީހުން ތިބީ އެގޭގަ. އެހާ ހިސާބުން އަހަރެން ބޭނުންވީ މި މައްސަލަ ޕޮލިހަށް ހުށަހަޅަން.”އެ އަންހެންމީހާ ބުންޏެވެ.

އަންހެންމީހާގެ ޝަކުވާތައް އަޑުއެހުމަށްފަހު މިހާރު ޕޮލިހުންވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. އިންޑިއާގެ ބައެއް ސަގާފަތްތައް އޮންނަ ގޮތުން އެއް އަނބަށްވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

ޓެގު