English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 21 ޤައުމަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ޗާޓެއްގައި ވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ކަނޑާއި ވައިގެ މަގުން އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޤާއުމްތަކާއި، އެތެރެކުރަން އުޅުނު ރޫޓްތައް ދައްކާލައިފަ އެވެ.

Image

އެ ޗާޓުން ދައްކާ ގޮތުގައި އެ ފަސް އަހަރުގެ ތެރޭގައި 21 ޤައުމަކުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައެވެ. އޭގެތެރޭގައި އެންމެ ގިނައީ އޭޝިއާގެ ޤައުމްތައް ކަމުގައިވާއިރު، އެ ޤައުމްތަކުގެ ތެރެއިންވެސް އެންމެ ގިނައިން ރާއްޖެއަށް ޑްރަގު އެތެރެކޮށްފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާގެ ހަތް ސިޓީއަކުން ވަނީ ރާއްޖެއަށް ޑްރަގު އެތެރެކޮށްފަ އެވެ. އެއީ ދިއްލީ، ބެންގަލޫރު، ކޮޗިން، ޗެންނާއި، ޓްރިވެންޑްރަމް އަދި ޓިއުޓިކޮރިން އެވެ.

އިންޑިއާގެ އިތުރުން ޢޭޝިއާގެ ބައެއް ޤައުމްތައް ކަމުގައިވާ ސްރީލަންކާ، މެލޭޝިއާ، ތައިލޭންޑް، ބަންގްލަދޭޝް، ޕާކިސްތާން، އިރާން، ޤަތަރު، ޔޫއޭއީ އަދި ކަޒަކްސްތާންގެ އިތުރުން އުޒްބެކިސްތާން އިންވެސް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައެވެ. އަދި އެފްރީކާ ބައްރުން އިތިއޯޕިއާ، ބެނިން އަދި ޓޯގޯ ހިމެނޭއިރު، ޔޫރަޕްގެ ނެދަލޭންޑްސް، ސްޕެއިން، ޖަރުމަނު، އިނގިރޭސިވިލާތް އަދި ބެލްޖިއަމް އިންވެސް ވަނީ ރާއްޖެއަށް ޑްރަގު އެތެރެކޮށްފަ އެވެ.

މީގެ އިތުރުން، ދެކުނު އެމެރިކާގެ ޤައުމްތައް ކަމުގައިވާ ބްރެޒިލް އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އިން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް އެ ޗާޓުން ދައްކައެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެއިން ވިޔަފާރިކުރާ ސަރަޙައްދުތަކުންވެސް މަސްތުވާތަކެތި އެތެރެކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެހެންކަމުން އެ މުއައްސަސާ އާއި ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ތިބޭނީ ހުށިޔާރުކަމާއެކު ފާރައަށް ކަމަށެވެ.