English Edition
Dhivehi Edition

މާލޭގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް، ފުލުހުން އެމީހާ ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނުންގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ބަންގްލަދޭޝް ރައްޔިތަކު ރަހީނުކޮށްގެން އޭނާ އަތުން ފައިސާ ހޯދަން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ އިއްޔެ ހަވީރު 17:00 ހާއިރު ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާއެކު މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ އެގެއަށް ގޮސް، ރަހީނުކޮށްފައި ހުރި ބިދޭސީ މީހާ ސަލާމަތްކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މިދިޔަ މަހުގެ ތެރޭގައިވެސް ބިދޭސީއަކު ރަހީނުކޮށްގެން އުޅުނު މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. އެ މައްސަލައިގައި ރަހީނުކޮށްފައި ހުރި މީހާ ވަނީ އަމިއްލައަށް ސަލާމަތްވެ، ރަހީނުކުރި މީހުންނަށް ފިލައިގެން ގޮސް ފުލުސް އޮފީހަށް ހާޒިރުވެފައެވެ.