English Edition
Dhivehi Edition

މި ސަރުކާރަކީ އެންމެ ކާމިޔާބު ސަރުކާރަށް ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި އެމްޑީޕީގެ މެމްބަރުން ބައިބައި ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާންކުރެއްވުމަށްފަހު، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ފަހަރަކުވެސް އެމްޑީޕީން ވެރިކަމަށް ނުކުންނަނީ ތަސައްވުރަކާ އެކުގައި ކަމަށާއި މެންބަރުންގެ މަސައްކަތުން ދެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިންބައިކުޅަދެބައި ހޯދާފައިވާ ކަމަށާއި ރައީސް ޔާމީނުގެ ދައުރުގައި ބޭއްވި ކައުންސިލް އިންތިޚާބުގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީން ހޯދާފައިވާ ކަމަށެވެ.

” މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މަސައްކަތުގެ ދުރުރާސްތާ ޕްލޭނެއް ތައްޔާރުކުރުން . އެމްޑީޕީން ކުރަން ޖެހޭ ކަމަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި މެމްބަރުނަށް އެހީތެރިވުން . ޚިޔާލުތަފާތުވި ނަމަވެސް އެމްޑީޕީން ބޭރަށް އެކަން ނުދާނެ . ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާމެދު ފުރިހަމަ އިތުބާރު އެބަ އޮތް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮވެ ރައްޔިތުންގެ މަޖިލީހުވެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އޮތްއިރު އިސްލާހްކުރުމަށް އެމްޑީޕީން ބޭނުންވާ ކަމެއް މިހާރު ނުކުރެވި ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އުންމީދުތަކެއް އެބައޮތް ކަމަށާއި އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތް ނޫން ގޮތެއް ރާއްޖޭގައި ނުހިނގާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ބަދަލުވުމަށް އެއްވެސް ގޮތަކަށް އެދިވަޑައިނުގަންނަވާ ކަމަށާއި އިސްލާހް ކުރަންހުރި މުވައްސަސާތައް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާތީ އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.