English Edition
Dhivehi Edition

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ބައި-އިލެކްޝަން މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެމްޑީޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ދާއިރާތަކުގެ ބައި-އިލެކްޝަން ވޯޓްލުން މާދަމާ މެންދުރުފަހު 14:00 ން ހަވީރު 18:00 އަށް ކުރިއަށްދާނެ ކަމަށެވެ. އަދި ވޯޓްލުން ކުރިއަށްދާނީ މާލޭ އާއި ރަށްރަށުގެ އެމްޑީޕީ ހަރުގެތަކުގައި ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

އެމްޑީޕީ އިން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ލީޑާޝިޕް އިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ނައިބު ރައީސް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ ކުރިމަތި ލައްވައިފައެވެ.

މީގެ ކުރިން މި ދެބޭފުޅުންނާ އެކު ބޭއްވި ލީޑާޝިޕް އިންތިޚާބުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 33،709 ވޯޓެވެ. އަދި ޝިއްޕެއަށް ލިބިވަޑައިގަތީ 21،052 ވޯޓެވެ. އިންތިޚާބުގައި ވޯޓުދެވޭ މެންބަރުންގެ ޖުމްލަ އަދަދަކީ 57،204 މީހުންނެވެ.

ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑާޝިޕްގެ އިންތިހާބުގައި ވާދަކުރައްވަން އަދި އިތުރު މެމްބަރަކު ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ރައީސްކަމަށް ނަޝީދު އިންތިޚާބުކުރެއްވުމަށް ގިނަ ބަޔަކު ތާއީދުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް މުހައްމަދު ސޯލިހު އަކީ އެމްޑީޕީގެ ފަރާތުން ނިކުމެވަޑައިގެން ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ބޭފުޅެއްކަމުން، ޕާޓީގެ ރައީސްކަމުގެ މަޤާމުގައިވެސް ހުންނަވަން ޖެހޭނީ އެމަނިކުފާނު ކަމަށެވެ.