English Edition
Dhivehi Edition

އަވައްޓެރި ސްރީލަންކާ ގައި އެޤައުމުގެ ތިންވަނަ އިންޓަނޭޝަނަލް އެއަރޕޯރޓް ހުޅުވައިފި އެވެ. ޖަފްނާ އިންޓަނޭޝަނަލް އެއަރޕޯރޓް ގެ ނަމުގައި ހުޅުވި މި އެއާޕޯޓް ހުޅުއްވައި ދެއްވީ އެޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެވެ. މިއަދު ހުޅުވިގެން ދިޔަ މި އެއާޕޯޓަކީ ލަންކާގެ ސިވިލް އޭވިއޭޝަނަށް އިތުރުވެގެން ދިޔަ އާ ސޮފްހާއަކަށް ވެގެންދާނެ އެވެ.

ލަންކާގައި މިއަދު ހުޅުވިގެން މިދިޔަ އެއާޕޯޓް އޮންނަނީ ޖަފްނާ ސިޓީއާ 20 ކިލޯމީޓަރު ދުރުގަ އެވެ. މި އެއާޕޯޓް ކުރީގައި ބޭނުންކޮށްފައި ވަނީ އެޤައުމުގެ އަސްކަރިއްޔާއިންނެވެ. އޭގެ ފަހުން 2.25 ބިލިއަން ރުޕީސް ޙަރަދުކޮށް އެއާޕޯޓް ތަރައްޤީ ކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ އެވެ. އިންޑިޔާ ސަރުކާރުގެ އެހީވެސް މި އެއާޕޯޓް ތަރައްޤީ ކުރުމުގައި ބޭނުންކޮށްފައި ވެއެވެ.

އެއާޕޯޓް ހުޅުވުމުގެ ރަސްމީޔާތުގައި ލަންކާގެ ރައީސް ގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަރުޖުނާ ރަނަޓުންގަ އާއި އިންޑިޔާ އިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަރަންޖިތް ސިންގް ސަންދޫ ބައިވެރިވެފައި ވެއެވެ.

ޖަފްނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުން ފެށިގެންނެވެ. މި އެއާޕޯޓުން ރާއްޖެއަށް ވެސް ދަތުރުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.