English Edition
Dhivehi Edition

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ފަތުޙުﷲ ޖަމީލް އާއި ޢިސްމާއީލް ނާޝިދުގެ ނަމަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ފަތުޙުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކުރީގެ ޑިރެކްޓަރު ކަމުގައިވާއިރު، އޭނ ާމިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އަދި އިސްމާއިލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު ކަމުގައިވާއިރު، އޭނާ ކަސްޓަމްސްގެ ޚިދުމަތުގައި މަސައްކަތްކުރައްވާތާ ވަނީ 18 އަހަރު ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ސޯލިހު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ބޭފުޅުންނަކީ މުޙައްމަދު ސިރާޖް މުނީރު އާއި އަސްމާ ޝަފީޢު އާއި އިސްމާޢީލް ސާޖިދުގެ އިތުރުން އަޙްމަދު ޝަރީފް އާއި އަޙްމަދު ވާފިރު އަދި ހަމްދީ ޢަޤީލް އެވެ.

އެ ދެ މަޤާމަށް ރައީސް ނަން ހުށަހަޅުއްވާފައިވާ ބޭފުޅުންނާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް އޮތްނަމަ 21 އޮކްޓޫބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ފޮނުވުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ޓެގު