English Edition
Dhivehi Edition

އައްޑޫސިޓީ ޝަރަފުއްދީން ސްކޫލްގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ދަރިވަރަކަށް އިލެކްޓްރިކް ވީލްޗެއާއެއް ހަދިޔާކޮށްފި އެވެ. ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރުގެ އިސްނެންގެވުމާއެކު މި ދަރިވަރަށް ވީލްޗެއަރގެ އެހީތެރިކަން ދެއްވެވީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އެމްބެސެޑަރު އަހުމަދު ހިޝާންއެވެ. ވީލް ޗެއަރ ހަދިޔާކޮށްފައިވަނީ އެސްކޫލުގެ ގްރޭޑް 6 ގައި ކިޔަވަމުންދާ މާޒް މޫސާއަށެވެ. މާޒް އަކީ އުފަންވުމުގައި ވެސް އުނަގަނޑުން ތިރި ވާގި ނެތުމުގެ ސަބަބުން އަމިއްލައަށް ހިނގައި ބިނގައިވެ އުޅުމުން މަހުރޫމް ވެފައިވާ ކުއްޖެކެވެ. އައްޑޫގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މެމްބަރު ނިޒާރު ފެއްޓެވި މި މަސައްކަތުގައި މިފަދަ އިތުރު ފަރާތްތަކަށް އެކިގޮތްގޮތުން އެހީ ފޯރުކޮށް ދެވޭތޯ ބައްލަވަމުން ގެންދަވާ ކަަމަށް ނިޒާރު ވިދާޅުވިއެވެ. މިގޮތުން ޝަރަފުއްދީން ސްކޫލުގެ ސެންކުލާހުގެ ދަރިވަރުން ބޭނުންކުރުމަށް ގާސިމް އިބްރާހިމް ހަދިޔާ ކުރެއްވެވި ވޭން ދުއްވާނެ ޑްރައިވަރަކު ނެތިގެން ބޭނުން ނުކުރެވި ވާތީ އެކަމަށް ވެސް މިހާރު ހައްލެއް ހޯދުމަށް ނިޒާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. “އައްޑޫގައި އެބަތިބި މިފަދަ އެހީތެރިކަން ބޭނުންވާ ވަރަށް ގިނަ މީހުންނާއި ކުދިން. ސަރުކާާރުން އެދެއްވަވާ މިންވަރުން ގިނަ މީހުންނަށް އޮންނަނީ ނުފުދިފައި. އެފަދަ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް މިކުރަނީ” ނިޒާރު ވިދާޅުވިއެވެ. ނިޒާރުގެ މި މަސައްކަތާއެކު އެންމެ ފުރަތަމަ އަށް ހިނިތުންވުން ގެނެސްދިނީ 10 އަހަރުވަން ދެން އެހެން މީހުންގެ އެހީތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅުނު މާޒް އަށެވެ. ކިޔެވުމުގައި ތޫނުފިލި މާޒް، ބޭބީ ނާސަރީން ފެށިގެން ސްކޫލަށް ދަނީވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަމާއެކުގައެެވެ. އިލެކްޓްރިކް ޗެއަރ އެއްގެ އެހީގައި މާޒް އަށް އަމިއްލަ އަށް އެއްތަނުން އަނެއްތަނަށް ދެވޭ ގޮތް ވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އާއިލާއިން ބުނެއެވެ.   ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމުގައި އުޅުއްވާ އަހުމަދު ހިޝާން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ 21 ފަރާތަކަށް ގޮނޑި ހަދިޔާކޮށްދީފަ އެވެ. ހިޝާން ގެ މަގްސަދަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިނިވަންކަން ހޯދައިދީ އުފާވެރިކަން އިހްސާސް ކުރެވޭނެ މަގު ފަހިކޮށް ދިނުން ކަމަށް ހިޝާން ވިދާޅުވިއެވެ. ހިޝާން ގެ މި މަސައްކަތުގައި އިތުރު އެހީތެރިކަމެއް ދެއްވަވާ އައްޑޫގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިނިތުންވުން ގެނެސްދެއްވުމަށް މަސައްކަތް ކުރައްވަނީ މެމްބަރު ނިޒާރެވެ.