English Edition
Dhivehi Edition

އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދޭ އެހީގެ ޕްރޮގްރާމް އިޞްލާޙު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ. ރައީސް މިގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާވެސް އެކީގައެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޖެންޑަރ މިނިސްޓްރީން ހުށައެޅުއްވި ކަރުދާހަކާއި ގުޅިގެން ރައީސް މި ނިންމުން ނިންމެވި އިރު ކަރުދާހުގައި ހުށައަޅާފާއި ވަނީ 2016 ވަނަ އަހަރު އެކަނި ކުދިން ބަލަމުންދާ މައިން/ބަފައިން އަށް ދޭ އެހީ، އޭރު ގެނައި އިސްލާހުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް މި އެހީ ލިބުމުން މަހުރޫމު ވެފައިވާ ކަމަށެވެ. އަދި މިހާރު މި ހުށައަޅާ އިސްލާހުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް މި އެހީ ލިބޭނެ ކަމަށެވެ.

މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ މަޝްވަރާކޮށް ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، “ގޭބިސީ” (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ.

މީގެކުރިން ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބޭއިރު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ލިބޭނީ 3000 ރުފިޔާ އެވެ. ނަމަވެސް މިއަދު ގެންނެވި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

“މީގެ އިތުރުން މިހާރުގެ ޙާލަތަށް ބައްލަވައި “އިންކަމް ތްރެޝްހޯލްޑް” ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންކަމުގައި ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މިއަދު ގެނައި އިސްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.” މިއަދު ވަޒީރުންގެ މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް.