English Edition
Dhivehi Edition

އައްޑޫސިޓީ ގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަޅާފައި އަދި މިހާރު ރައްޔިތުންނާއި ހަވާލުކުރަމުންދާ ފްލެޓްތަކަށް ޑައުންޕޭމަންޓް ގެ ގޮތުގައި ދައްކަންޖެހޭ ރުފިޔާ 60 ދުވަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ ފްލެޓް ތަކަށް ދައްކަން ޖެހޭ 19000 ރުފިޔާ ފްލެޓް އެގްރިމެންޓް ގައި ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފުރަތަަމަ 9500ރ އަދި ބާކީ 9500ރ އޭގެ 60 ދުވަހުގެ ތެރޭގައި ދެއްކޭނެ ކަމަށެވެ.

މިހާރު އައްޑޫސިޓީގައި ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު ހުޅުމީދޫގައި އަޅާފައިވާ ފްލެޓްތައް ވެސް ހަވާލުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ހިތަދޫގައި އަޅާފައިވާ 264 ފްލެޓް ތަކުގެ ތެރެއިން 30 ފްލެޓުވަނީ މަރަދޫ އަދި ފޭދޫ މީހުންނަށް ޙާއްސަކޮށްފައެވެ. އަދި 50 ފްލެޓް ވަނީ ފޭދޫގެ ރައްޔިތުންނަށް ހާއްސަ ކޮށްފައެވެ.

ހިތަދޫގައި އަޅާފައިވާ ފްލެޓް ތަކަކީ ޗައިނާ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމަންޓް އިންޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އަޅާފައިވާ ފްލެޓް ތަކެކެވެ.