English Edition
Dhivehi Edition

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކަރަންޓާއި ނަރުދަމާގެ އިތުރުން ފެން ގުޅައިދޭނީ ހިލޭ ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހިތަދޫ އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ކަރަންޓާއި، ނަރުދަމާ އަދި ފެނުގެ ޚިދުމަތްތައް ގުޅުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

ކައުންސިލުން ކުރި އިތުރު ޓްވީޓެއްގައި ބުނެފައި ވަނީ ފްލެޓްތަކުގެ ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ 19،000ރ. ދެ މަސް ދުވަހަށް ބަހާލައިގެން، ފުރަތަމަ 9،500ރ. ސޮއިކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކިދާނެ ކަމަށެވެ. އަދި ބާކީ 9،500ރ. 60 ދުވަހުގެ ތެރޭގައި ދެއްކިދާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ސަރުކާރުގެ “ގެދޮރުވެރި ކުރުން” ޕްރޮގްރާމްގެ ދަށުން އައްޑޫގައި ޢިމާރާތް ކުރެވުނު މި ފްލެޓްތައް ފަރާތްތަކާއި އެކު އެގްރީމެންޓްގައި ސޮއިކޮށް ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް ކައުންސިލުން ދަނީ މިހާރު ކުރަމުންނެވެ. މި ފްލެޓްތަކަކީ ނިމި ޙަވާލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ފްލެޓް ތަކެކެވެ.

މިމަޝްރޫޢުގެ ދަށުން އެެޅުނު ފްލެޓް ތަކުގެ ތެރެއިން 312 ފްލެޓަށް ވަނީ މީހުން ކުރިމަތިލާފައެވެ. އެއީ ހިތަދޫގައި ޢިމާރާތް ކޮށްފައިވާ 264 ފްލެޓާއި ސ.ހުޅުދޫގައި ޢިމާރާތް ކޮށްފައިވާ 48 ފްލެޓެވެ.

ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ލިބޭ ފްލެޓް ނަންބަރ ކަނޑައެޅުމަށްޓަކައި ބޭއްވުނު ގުރުއަތުލުން ވަނީ މިމަހުގެ 08 އަދި 09 ވަނަ ދުވަހު ބޭއްވިފައެވެ.

ފްލެޓް ލިބޭ ފަރާތްތަކާއިއެކު އެގްރިމެންޓް ހެދުމުގެ ކުރިން ، އެކަޓަގަރީއެއްގެ ދަށުން ޢާއްމު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުގައިވާ ގޮތުގެ މަތިން،ގޯތި ގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކް ކުރެވޭނެ ކަމަށާއި، އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ހަވާލުކުރެވޭނީ މިކަމާއި ގުޅޭގޮތުން އެކަޓަގަރީއެއްގެ ޝަރުޠު ތަކުގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށް ކަމަށް ސިޓީ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.