English Edition
Dhivehi Edition

މިއީ މުޅި ރާއްޖެއަށް ވެސް ވިއްސާރަ މޫސުމެކެވެ. މޫސުމާބެހޭ އިދާރާއިން ތަކުރާރުކޮށް ހަތަރު ފަސް ފަހަރު ރީނދޫ ސަމާލު ނެރޭ ތަންވެސް އެބަފެނެއެވެ. ކެނޑިނޭޅި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުމަތީ ކޯރުހެދި ގޭގޭގެ އެތެރެ އަށް ފެންވަދެ އެތައް ގެއްލުމެއް މިދަނީ ވަމުންނެވެ. އައްޑޫސިޓީވެސް އޮތީ މިފަދަ ޙާލެއްގައެވެ. ރައްޔިތުންގެ ޝަކުވާތައް ރުން ކުރުވެފައި ދިގެވެ. ދެރަވެ ހިތާމައިގައި ތިބި މީހުންގެ ޢަދަދު މަދެއްނޫނެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ޢުމުރުން ދުވަސްވީ ހިތަދޫގެ ދައްތައެއްގެ ޝަކުވާ ހުރީ މިފަދައިންނެވެ. ” ކޮއްޔާ ރަނާ.މިގޭގެ ޙާލުގެ ވާހަކަ ރަނގަޅީ ނިދެއްކި ފެހޭ . ޢުމުރު ދުވަހަށް މަސައްކައް ކޮއްގެން ލިބެނެ އެތިކެޑާއިން ހެދިގޭ ސުއްނާފަތިވެ ނިމިގެ. ގިނަފެއި ތިބި ފަރުނީޗަރަ ގެރިހުސްވެފެއި އެތިބީ. ރަޅާ ވެދަގެން އެއާލެކަށްއާސް ގޭދޯލި. ”

ތެދެކެވެ. އެމަންޒަރު ލޮލުން ދުށްމީހެއްގެ ޙައިސިއްޔަތުން އެދައްތަގެ ވާހަކައިގެ ތެދުކަން ހާމަވެއެވެ. މިއީ އެންމެ ގެއެއްގެ ޙާލަތެއް ނޫނެވެ. ގޭގެ ތެރެއަށް ދޮޅު ފޫޓަށް ފެންވަދެ ހަރުލުމުން 30000 ރުފިޔާ ގެ އަގުބޮޑު ބެޑުރޫމުސެޓް ތައް ފެނަށް ގިރި ހަލާކުވެގެން ދިޔަ މަންޒަރު ލޮލުން ދެކޭބަޔަކަށް އަސަރު ކުރާނެއެވެ. ވާރޭ ވެހި ގޭގޭގެ ވަޅުތައް ވަނީ ފެނުން ފުރިފައެވެ. ވަޅާއި ގުޅާފައިވާ ފެން މޯޓަރުތައް މަސައްކަތެއް ނުކުރެއެވެ. ފާޚާނާ ފުރިގެން ކޮޓަރި ތެރެއަށް ނަޖިސް ބޭރުވާ މަންޒަރު ފެނި ބައެއް މީހުން އަހަރު ނުވާ ތުއްތު ދަރިފުޅުގެ ސަލާމަތަށްޓަކައި އެކި ދިމަދިމާލަށް ހިޖުރަ ކޮށްފިއެވެ. ގޮތް ހުސްވެފައިވާ އެތައް ބަޔަކު ނިދާލާނެ އެއްވެސް ފަދައެއް ނެތި ދެކޮޅަށް ހިނގާލަ ހިނގާލާ ތިބި މަންޒަރުން ހިތެއް އޮތް މީހަކަށް އަސަރު ކުރާނެއެވެ. އެތައް ގެއެއްގެ ދޮންނަ މެޝިނަށް ފެން ވަދެ މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އިންތިހާއެވެ.

އައްޑޫސިޓީގެ ބައެއް ހިސާބުތައް އުފެދިފައި އޮންނަ ގޮތުން ޗަކަބިން ގިނަވެފައި އޮޅުތައްވެސް ގިނަ ސަރަޙައްދު ތަކެއް ހުރެއެވެ. ކިރިޔާ ފެންފޮދެއް ވެހިލާއިރަށްވެސް މިދެންނެވި ޗަސް ބިން ތަކުގައި ފެންބޮޑުވެ ނުހިނދި އެތައް ދުވަހަކަށް އޮވެއެވެ. މިއާއެކު ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ދެއަރިމަތިން ލިންކް ރޯޑާއި ބޮޑު މަގު ހަދާފައިވާއިރު ހުރަސް މަގުތައް ނުހަދާ ހުރުމުގެ ސަބަބުން ވެލި އެޅި ،ކާނުތަކަށާއި ޖަންކްޝަންތައް ވެލިން ފުރިގެން އެއަށް އެޅޭ ފެންވެސް އަރަނީ މައްޗަށެވެ. މަގު ހެދިފައި އޮންނަ ގޮތުން މަގަށް ވުރެ ގެތައް ތިރި ކަމުގެ ޝަކުވާވެސް އިންތިހާއަށް ބޮޑެވެ.

މިކަމަށް ޙައްލެއް ހޯދައިދެއްވުމަށް ސަރުކާރާއެކު އައްޑޫސިޓި ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އިއްޔެއިން ފެށިގެން ޑިފެންސް މިނިސްޓަރ މަރިޔާ ދީދީ އައްޑޫގެ ގެއްލުން ވެފައިވާ ސަރަޙައްދު ތައް ބައްލަވާ ލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ފެންބޮޑު ވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް އެދި ވަޑައިގެންފައެވެ.

މިއީ ފުރިހަމަ ދިރާސާތަކެއް ކުރައްޖެހިފައި އޮތް ކަމެކެވެ. ވިއްސާރަވާ ކޮންމެ ފަހަރަކު އައްޑޫސިޓީގެ ރައްޔިތުންނަށް އެތައް ގެއްލުމެއް ކުރިމަތިވެއެވެ. އިޤްތިސާދީ ދުވެލީގައި ދެފައިހަމަކޮށް ތެދުވެލާއިރަށް މިފަދަ ކާރިސާތަކާއެކު އިނދެޖެހި އެކަމުން އަރައިގަތުމަށް ދުރު ރާސްތާއެއް ކަޑައްތު ކުރަންޖެހިފައިވާވުން ކުޑަ ކުރެވޭނީ އެންމެން ގުޅިގެން ދާއިމީ ޙައްލަކަށް މިސްރާބު ޖެހުނު ދުވަހަކުން ނެވެ.