English Edition
Dhivehi Edition

އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށާއި، އެއީ އެޕާޓީއިން ޤަބޫލުކުރާ އެންމެ މުހިންމު އެއް އުސޫލުކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ކުށްވެރިކޮށް އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ނުކުރާނެކަމަށާއި، މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އަބަދުވެސް ޤަބޫލުކުރާނެ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.

“މިޕާޓީ ޤަބޫލުކުރަނީ ޤާނޫނާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ. ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމަޢެއްގައި ހުއްދަ ކަމެއް ނޫނެވެ. އެފަދަ ކަންކަމުން ޤައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއްވެސް ނޯންނާނެއެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ، ޤައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިޕާޓީ ހިތާމަ ކުރާ ކަމެކެވެ.”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވަން ޖެހޭ ކަމަށާއި، ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ އެމްޑީޕީ އިން ބަލައިގަންނަ ކަންކަން ނޫން ކަމަށާއި، އެފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ޢަމަލުތައް ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައި ވެއެވެ.

އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.