English Edition
Dhivehi Edition

ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަން ހާމަވެއްޖެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި އިތުރުވެފައިވަނީ 262 މިލިއަން ރުފިޔާ އެވެ. މިފަހަރު ދައުލަތަށް އިތުރުވެފައިވާ އާމްދަނީގެ މިންވަރު ވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދާ އިތުރުވެފައިވާ އިރު ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރި މުދަލުގެ މިންވަރުވެސް ވަނީ އިތުރުވެފައެވެ. ކަސްޓަމްސްގެ ރިޕޯޓު ބުނާ ގޮތުން ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރާ އަޅާބަލާއިރު ވަނީ ހަތަރު ޕަސެންޓް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ޔޫއޭއީ އިން ރާއްޖެއަށް 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން ވަނީ 703 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން ވަނީ 370 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ އެއްޗަކީ މަހުގެ ބާވަތްތަކެވެ. އެންމެ ގިނައިން މި ބާވަތްތައް އެކްސްޕޯޓް ކުރަނީ ތައިލެންޑަށެވެ.